މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއަކީ ޕެންޑެމިކްއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިއުލާނުކޮށްފައެވެ. މި ވައިރަސްގެ ސަބަބުން 5،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ވައިރަސް އިން ސަލާމަތްވުމަށް އެތަކެއް ހާސް ބައެއް ދަނީ މަސައްކަތްކުރަމުންނެވެ.
އެހެންނަމަވެސް، ޕެންޑެމިކް އެކޭ ބުނުމުން މި ވައިރަސްއަށް ބަދަލެއް އަންނަނީ ހެއްޔެވެ؟ ނުވަތަ މި ވައިރަސް އިން ސަލާމަތްވުމަށް ވަކި ކަމެއް ކުރަން ޖެހެނީ ހެއްޔެވެ؟ ޕެންޑެމިކްއެކޭ ބުނެވެނީ ކީއްވެ ހެއްޔެވެ؟ ގިނަ ބަޔަކަށް މިފަދަ އެތައް ސުވާލެއް އުފެދޭނެކަން ޔަގީނެވެ.
ޑަބްލިއުއެޗްއޯއިން ބައްޔަކަށް ޕެންޑެމިކްއެކޭ ބުނެވެނީ އެ ބަލީގެ ނުރައްކާތެރި ކަމަށް ނުވަތަ އެ ބަލީގެ ސަބަބުން މީހުން މަރުވާ އަދަދަށް ބަލާފައެއް ނޫނެވެ. ނުވަތަ އެ ބައްޔަށް އެއްވެސް ކަހަލަ ބަދަލެއް އައުމުގެ ސަބަބުންނެއް ނޫނެވެ.
ޕެންޑެމިކް އެކޭ ބުނެވެނީ ދުނިޔޭގައި އަލަށް ފެތުރެންފަށާފައިވާ ބައްޔެއް ދުނިޔެއަށް ފެތުރިފައިވާ މިންވަރަށް ބަލާފައެވެ. ޕެންޑެމިކް އެކޭ ބުނެވޭނީ މުޅިން އާ ބައްޔެއް ފެތުރެމުން ދާނަމައެވެ. ކުރިން ދުނިޔޭގައި ފެތުރިފައިވާ ބައްޔެއް މުޅި ދުނިޔެއަށް ފެތުރެމުންދާނަމަވެސް އެ ބައްޔަކަށް ޕެންޑެމިކްއެކޭ ނުކިޔޭނެއެވެ.
އަދި ޕެންޑެމިކް އެކޭ ބުނުމުން އޭގެ މާނައަކީ އެ ބަލި ފެތުރެމުން ދާނީ އަވަހަކަށް ނޫނެވެ. އެޗްއައިވީ/ އެއިޑްސް ޕެންޑެމިކް ފެށިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. އެހެން ނަމަވެސް މި ބަލި ޕެންޑެމިކް އަކަށް ވެފައިވަނީ 2000 ގެ ފަހުންނެވެ. މި ބަލީގެ ސަބަބުން 36 މިލިއަން މީހުން މަރުވެފައިވެއެވެ. އެހެންކަމުން ޕެންޑެމިކް ގެ މާނައަކީ އަހަރެއްގެ ތެރޭގައި ނުވަތަ ދެ އަހަރުގެ ތެރޭގައި މުޅިދުނިޔެއަށް ފެތުރުމެއްނޫނެވެ.
ޑަބްލިއުއެޗްއޯއިން މި ވައިރަސްއަކީ ޕެންޑެމިކް އެއް ކަމަށް ނިންމާފައިވާއިރު، މި ވައިރަސްއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ނުވަތަ މި ބަލިން ސަލާމަތްވުމުގެ ގޮތުން ކުރަންޖެހޭ އެއްވެސް ކަމަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެހެން ކަމުން ޕެންޑެމިކް އަކީ ވަކި ހިސާބަކުން ނުވަތަ ތަނަކުން ދުނިޔެއަށް ފެތުރޭނެ މިންވަރުގެ ފަހު ސްޓޭޖް ކަމަށް ބަލާށެވެ. މިއީ SARS-CoV2 އަށް ވީގޮތެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފެތުރެން ފެށި މި ވައިރަސް ކުއްލިއަކަށް ބަދަލުވެ ގިނަ މީހުން ތަކަކަށް ނިއުމޯނިއާ ޖެހުނު ތަން ފެނުނެވެ. އައުޓްބްރޭކް އެކޭ ބުނަނީ ބަލި ވާ މީހުންގެ އަދަދު ހީކުރި ވަރަށް ވުރެ އިތުރު ވުމުންނެވެ. މިއީ މި ވައިރަސްއަށް އެންމެ ފުރަތަމަ ވީގޮތެވެ. އެކި ހިސާބުތަކުން ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފެށިއިރުވެސް SARS-CoV2 އަކީ އައުޓްބްރޭކްއެކެވެ. އޭރު ކޮވިޑް-19 ފެންނަމުން ދިޔައީ ވޫހާން ގައެވެ.
އެހެންނަމަވެސް ޗައިނާގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރެންފެށުމުން މި ވައިރަސް ވެގެންދިޔައީ އެޕިޑެމިކްއަކަށެވެ. އެޕިޑެމިކްގެ މާނައަކީ އައުޓްބްރޭކް ވެފައިވާ ބައްޔެއް އެއަށްވުރެ ދުރަށް ފެތުރެންފެށުމެވެ. މި ވައިރަސް ފެތުރެން ފެށުމަށްފަހު އީރާން، އިޓަލީ އަދި ސައުތު ކޮރެއާފަދަ ގައުމުތަކުން ފެންނަން ފެށުމުން ބައެއް މީހުން މި ވައިރަސް އަށް ޕެންޑެމިކް އެކޭ ކިޔަންފެށިއެވެ. އެހެންނަމަވެސް ޑަބްލިއުއެޗްއޯއިން މި ވައިރަސްއަކީ ޕެންޑެމިކް އެއް ކަމަކަށް އޭރު ނުނިންމައެވެ.
ކޮރޯނާވައިރަސް އަކީ ޕެންޑެމިކްއެއް ކަމަށް ނިންމަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ވައިރަސް ޖެހޭ މީހުން، އަދި މި ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށާއި މި ވައިރަސް ފެތުރިގެންދާ ގައުމުތަކުގެ ލިސްޓްވެސް އިތުރުވާނެ ކަމަށް ދެކޭކަމަށެވެ.
އަދި މި ވައިރަސްއަކީ ޕެންޑެމިކްއެކޭ ބުނި ކަމުގައި ވިނަމަވެސް، މީގެ ސަބަބުން ޑަބްލިއުއެޗްއޯއިން މިހާތަނަށް މަސައްކަތްކުރަމުން އައި ގޮތް އަދި ގައުމުތަކުން މަސައްކަތް ކުރަންވީ ގޮތަކަށްވެސް ބަދަލެއް ނާންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 90% މީހުންނަކީ 4 ގައުމެއްގެ މީހުން ކަމަށްވެސް ބުނެފައިވެއެވެ. މި ހަތަރު ގައުމުގެ ތެރޭގައިވާ ޗައިނާ އަދި ކޮރެއާގައި މި ވައިރަސް ޖެހެމުން އަންނަ މީހުންގެ އަދަދު މަދުވެފައިވާކަން ވެސް ޑރ. ޓެޑްރޯސް ފާހަގަ ކުރިއެވެ.
ހަމައެއާއެކު މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މަދު ގައުމު ތަކުން އެ އަދަދު އިތުރުވިޔަ ނުދީ ހިފެހެއްޓުމަށާއި، މުޅި ގައުމަށް ފެތުރުނަނުދީ ހިފެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯއިން މިއީ ޕެންޑެމިކްއެއްކަމަށް ނިންމުމުން މީހުން މި ވައިރަސްއާމެދު ދެކޭގޮތް ބަދަލު ވެދާނެއެވެ. އެހެންނަމަވެސް މި ވައިރަސްއަށް އަދި ވައިރަސް އިން ސަލާމަތްވުމަށް ކުރަމުން އަންނަ އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ.
ވެކްސިންއަކާ ނުލާ މި ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ސާފުތާހިރު ކަމަށް އިތުރު ސަމާލު ކަމެއްދީ، މީހުންނާ ދުރުން އުޅެ މޫނުގައި އަތްނުލުމެވެ. އަދި މިހެން ކަންކުރިނަމަވެސް މި ވައިރަސް އަކީ ޕެންޑެމިކްއެކޭ ބުނުމުން އޭގެން ދޭހަކޮށްދެނީ މިކަމުން ސަލާމަތް ވެވޭނީ އެންމެން އެކުގައި މަސައްކަތް ކުރުމުން ކަމަށާއި، ސަލާމަތްވާން މަސައްކަތް ކުރަމުން މިދަނީ އެއް ވައިރަސްއެއްގެ ކިބައިން ކަމަށެވެ.
މި ވައިރަސް ފެތުރެން ފަށާފައިވަނީ ވަކި ގައުމަކުން ކުރި ކަމަކުން ނުވަތަ ވަކި ބައެއްގެ ސަބަބުން ނޫން ކަން ވިސްނައި، މި ކަމަކީ މި ދުނިޔޭގައިވާ އެންމެނަށް ކުރިމަތިވެފައިވާ ކަމެއްކަން ގަބޫލުކުރަން ޖެހެއެވެ. އެހެންކަމުން މި ވައިރަސްއިން ސަލާމަތްވުމަށް ކުރިއަށް އޮތްތާގައިވެސް އެކުގައި މަސައްކަތް ކުރުން މުހިންމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)