ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިއުލާނުކޮށްފިއެވެ.
މިއީ މިކަހަލަ އިއުލާނެއް ރާއްޖޭގައި ކުރެވުނު ފުރަތަމަ ފަހަރެވެ.
ދަރުބާރުގޭގައި އޮތް ޕްރެސް ބްރީފިންއެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން، އެކަން އިއުލާންކުރެއްވީ މިހާރު ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސް އައުޓްބްރޭކް އާ ގުޅިގެންނެވެ.
އެކަން އިއުލާން ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި މި އިއުލާން ކުރީ، "އާންމު ސިއްހަތުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އަމީން ވިދާޅުވީ މި ނިންމުމާ އެކު، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.
މިފިޔަވަޅު ރާއްޖެއިން އެޅީ، ކޮރޯނާވައިރަހަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން އިއުލާންކޮށްފައި ވުމާއި ރާއްޖެއާ ކައިރި ސަރަހައްދުތަކުގައި އަދި ދުނިޔޭގައި ވެސް އެ ވައިރަސް ފެތުރެމުންދާ ގޮތަށް ބެލުމަށް ފަހު ،ރާއްޖޭގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅޭނީ އެގޮތަށް ކަމަށް ވާތީ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފިޔަވަޅުއެޅީ ވައިރަހަކީ ނުރައްކާތެރި ވައިރަހަކަށް ވެގެން ނޫންކަމަށާއި އެހެންނަމަވެސް ވައިރަސް ހަލުވިކަމާއެކު ފެތުރުމުގެ ފުރަސަތު އޮތުމުންކަމަށެވެ.
އަދި އުނދަގޫ ހާލަތްތަތަކުގައި ޑަބްލިޔުއެޗްއޯ އާއި އަވަށްޓެރި ޤައުމުތަކުންވެސް އެހީތެރިވާނޭކަމުގެ ޔަގީންކަން ވަނީ ލިބިފައިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ 125 ގައުމަކަށް ފެތުރިފައިވާއިރު 127،000 މީހުން ބައްޔަށް ޕޮޒިޓިވް ވެ 4،700 މީހުން ވަނީ މަރުވެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)