ކޮވިޑް-19 އަށް ރާއްޖޭގައި ދެ މީހަކު ޕޮޒިޓިވް ވެފައިވާކަން އިއުލާނުކޮށް މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިހާލަތުގައި އެންމެ މުހިއްމު ކަމަކަށް ސައިބޯނި ލައިގެން އަތް ދޮވުމަށް އިސްކަމެއް ދިނުމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނާހެން އެންމެ މުހިއްމު ކަމަކީ ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުން 20 ސިކުންތު ވަންދެން"
ސައިބޯނި ނެތް ހާލަތުގައި "އަލްކޮހޯލް-ބޭސްޑް" ސެނިޓައިޒާ ބޭނުން ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. މީގައި 60-90 އިންސައްތަ އެލްކޮހޯލް ހިމެނެން ޖެހެއެވެ.
މީގެ އިތުރުން ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އާންމުންގެ ތެރެއަށް ނުނިކުމެ ގޭގައި މަޑު ކުރުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުން ދަތުރު ކުރުމަށް ފަހު ރާއްޖެ އަންނަތާ 14 ދުވަސް ތެރޭ ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭ ގެ ހޮޓްލައިން އަށް ގުޅުން މުހިއްމުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ރާއްޖެ ޔެލޯ އެލާޓަކަށް ގޮސްފައިވާ އިރު، މާސްކް ބޭނުންކުރަން ޖެހޭނީ ބަލި މީހުންނާއި، ބަލި މީހުން ބަލަހައްޓާ މީހުން (ޑޮކްޓަރުން، ނަރުހުން...) އެކަނި ކަމަށް ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ކެއްސާ ހަދާއިރު ޓިޝޫ ބޭނުން ކުރުމަށާއި ބޭނުންކޮށްފައިވާ ޓިޝޫ އަދި މާސްކް ފަދަ ތަކެތި ރައްކާތެރިކޮށް ކޮތަޅަކަށް ލުމަށް ފަހު އެއްލާލުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)