ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ވަގުތީގޮތުން މެދުކަނޑާލަން އެޑިއުކޭޝަނުން އަންގައިފި
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުއްވި ސާކިޔުލާއެއްގައި ބުނީ ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ދަރިވަރުން ބަލިތަކުން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެއިން ހިމަބިހި ފެނި ބައެއް ދަރިވަރުން އެ ބައްޔަށް ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެ އެ ބަލިން ރައްކާތެރިވުމަށް އެކަމަށް ކަނޑައަޅާފައިވާ ޓެކްނިކަލް ކޮމެޓީގެ މަޝްވަރާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ މެއި 20 ވަނަ ދުވަހާ ހަމައަށް ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މަޑުޖައްސާލަން ނިންމާފައިވާ ކަން ފާހަގަކުރި އެވެ.
މިނިސްޓްރީ އިން ބުނީ ކޮވިޑް-19 ޓާސްކް ފޯހުގެ ލަފަޔާއެކު ސްކޫލު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެގޮތް ކުރިއަށް އޮތްތަނުގައި ސްކޫލުތަކަށް އަންގަމުން ދާނެ ކަމަށެވެ. އަދި ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ސްކޫލުތަކަށް އަންގާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.
އެޑިއުކޭޝަނުން ބުނީ ކޮވިޑް-19 ރާއްޖެ އައުމުގެ ފުރުސަތު ކުޑަކުރުމަށާއި އެ ބަލި ރާއްޖެއިން ފެނިއްޖެނަމަ ބަލި ކޮންޓްރޯލު ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު ވަނީ 61 ގައުމަކަށް ފެތުރިފަ އެވެ. އެ ރޯގާގައި 2،900 މީހުން މަރުވެފައިވާ އިރު 85،000 މީހުންނަށް ވަނީ ވައިރަސް އަރައިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)