ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން ފެނުނު ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުމުގެ ސަބަބުން ތައިލޭންޑް، އޮސްޓްރައިލިއާ އަދި ޔޫއެސް އިން އެ ގައުމުތަކުގެ ފުރަތަމަ މަރު އިއުލާން ކޮށްފިއެވެ.
ތައިލެންޑްގެ ޕަބްލިކް ހެލްތު މިނިސްޓްރީއިން މައުލޫމާތު ދެމުން ބުނެފައިވަނީ ތައިލެންޑްއިން މަރުވެފައިވަނީ 35 އަހަރުގެ ފިރިހެނެއްކަމަށާއި، މި ވައިރަސް ޖެހުމުގެ ކުރިން އޭނާއަށް ޑެންގޫ ޖެހިފައިވާ ކަމަށެވެ. އަދި އޭނާގަ ބައެއް ގުނަވަންތައްވެސް ފެއިލްވެފައިވާކަމަށް މިނިސްޓްރީއިން ބުންޏެވެ.
ތައިލޭންޑުގައި މިހާތަނަށް 42 ކޭސް އެއް ވަނީ ރިޕޯޓުކުރެވިފައެވެ.
އަދި އޮސްޓްރެއިލިއާގެ ޗީފް ހެލްތު އޮފިސާ އެންޑްރިއު ރޮބާޓްސަން ރިޕޯޓަރުންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ގައުމުން މަރުވެފައިވަނީ 78 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މީހާއަކީ ޑައިމަންޑް ޕްރިންސަސް ނަމަކަށް ކިޔާ ކްރުސް ޝިޕް އަކުން ގައުމަށް އަނބުރާ ގެންދެވިފައިވާ މީހެއްކަމަށް ވެސް ބުނެފައިވެއެވެ. މިމީހާގެ އަންހެނުންވެސް ވަނީ މިވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.
އޮސްޓްރެއިލިއާގައި މިހާތަނަށް 27 ކޭސް އެއް ވަނީ ރިޕޯޓުކުރެވިފައެވެ.
މީގެއިތުރުން ހެލްތު އޮފިޝަލުން މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޔޫއެސްގެ ފުރަތަމަ މަރު ރިޕޯޓް ކޮއްފައިވަނީ ވޮޝިންގްޓަން ސްޓޭޓްއިންކަމަށާއި ވޮޝިންގްޓަންއިން މަރުވެފައިވަނީ 50 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ޔޫއެސްގައި މިހާތަނަށް 69 ކޭސް އެއް ވަނީ ރިޕޯޓުކުރެވިފައެވެ.
ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން ތައިލެންޑް، ޔޫއެސް އަދި އޮސްޓްރެއިލިއާއިން ފުރަތަމަ މަރު އިއުލާން ކުރުމާގުޅިގެން މި ވައިރަސް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ހަނިވަމުން ދާކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޗީފް ވިދާޅުވެފައިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)