ޗައިނާއިން ފެތުރިގެންދިޔަ ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރިދާނެކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދާދިފަހުން ވަނީ ދީފައެވެ. އިޓަލީގައާއި އީރާނުގައި ހަލުވި ސްޕީޑްގައި މިހާރުދަނީ މިވައިރަސް ފެތުރެމުންނެވެ. ވެކްސިނެއް މިހާތަނަށް ހޯދިފައިނުވާ މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވެވޭނެ ގޮތަކާއި މެދު މުޅި ދުނިޔެވެސް މިހާރު އޮތީ ކަންބޮޑުވެފަ އެވެ.
މިފަދަ ހާލަތެއްގައި އިންފެކްޝަސް ބަލިތަކަށް ހާއްސަ ސިއްހީ މާހިރުންގެ އިރުޝާދަކީ ކަންބޮޑުނުވެ އަމަލީގޮތުން ކުރުމަށް އަންގާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށެވެ.
"މިކަމަށް އޮތް އުކުޅަކީ ހަމަޖެހިލައިގެން ކުރިއަށްދިއުން" ބްރައުން ޔުނިވަރސިޓީގެ އިންފެކްޝިއަސް ބަލިތަކަށް ހާއްސަ ސިއްހީ މާހިރެއްކަމަށްވާ ޑރ. މާގްރީޓް ނެއިލް ވަނީ ވިދާޅުވެފަ އެވެ.
އަދި މީގެއިތުރުން މިފަދަ ނުރައްކާތެރި އިންފެކްޝަންތަކުން ރައްކާތެރިވެވޭނެ އެންމެ މޮޅުގޮތަކީ އާއްމު ބުއްދީގެ ބޭނުންހިފުންކަމަށްވެސް ބައެއް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.
މިސާލަކަށް "ބަހެއްގައި ދަތުރުކުރާއިރު މީހަކު ކެއްސާނަމަ ވަގުތުން ދުރަށްޖެހިލުން" އިންފެކްޝިއަސް ޑިޒީސް އަދި ކޮރޯނާވައިރަހުގެ އެކްސްޕާޓެއް ކަމަށްވާ ޑރ. ސްޓޭންލީ ޕާރލްމަން ފާހަގަކުރެއްވި އެވެ. އެންމެ ރަނގަޅު ގޮތަކީ 6 ފީޓު ދުރަށް ދިއުން ކަމުގައި ވީނަމަވެސް ކުޑަތަންކޮޅެއް ދުރަށް ދިއުމުންވެސް ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ތަފާތު އުކުޅުތައް ސިއްހި މާހިރުން ދަނީ ކިޔައިދެމުންނެވެ. އެގޮތުން ބަލިވެއުޅޭނަމަ ގެއިން ބޭރަށް، ހާއްސަކޮށް ގިނަމީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
ކޮރޯނާވައިރަހޭ ބުނެފިނަމަ އެންމެފުރަތަމަވެސް އިވޭނެ އަޑަކީ ގިނައިން އަތްދޮވެ މާސްކް ބޭނުންކުރާށޭ ބުނާ އަޑެވެ. ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެކްސިނެއް އުފެއްދިފައި ނެތަސް މިކުޑަކުޑަ އުކުޅުތައް ބޭނުންކޮށްގެންވެސް ކޮރޯނާވައިރަހުން ރައްކާތެރިވެވިދާނެކަން ސައިންޓިސްޓުން ވަނީ ޔަގީންކޮށްދީފަ އެވެ.
ގިނަގިނައިން އަތްދޮވުމަކީ ކޮރޯނާވައިރަހުގެ ނުރައްކާ 30-50 އިންސަތައަށް ކުޑަކޮށްދޭ ކަމެއްގެ ގޮތުގައި ސިއްހީ މާހިރުންވަނީ ފާހަގަކޮށްފަ އެވެ. އަދި އަތްދޮންނައިރު ހަމައެކަނި ފެންބޭނުން ކުރުމުގެ ބަދަލުގައި ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް ސިއްހީ މާހިރުން ބާރުއަޅައެވެ.
އަތް ދޮންނަ އިރު ސައިބޯނި ލައިގެން އަތް ދޮވުމަށާއި މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަށްވެސް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
އިންފެކްޝަސް ޑިޒީސް ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ޓްރިޝް ޕާރލް ވިދާޅުވިގޮތުގައި މިދުވަސްވަރު ބަލިވެއުޅޭނަމަ ކެއްސާއިރު އަތުގެ އުޅަނބޮށި އިންނަ ހިސާބުން އަނގަމަތި ފޮރުވާލެވިދާނެ އެވެ. އޭގެ ސަބަބުން އަތަށް އެ ޖަރާސީމު އެރުމުގެ ފުރުސަތު ކުޑަވާނެއެވެ. ހަމައެހެންމެ ނޭފަތް ފޮޅުމަށްފަހުގައި ޓިޝޫ ރައްކާތެރިކަމާއެކު ޑަސްބިންއަށް ލުމައި ވަގުތުން އަތްދޮވުމަކީވެސް މި ވައިރަހުން ރައްކާތެރި ވެވޭނެގޮތެއް ކަމުގައި ޑރ. ޕާރލް ވަނީ ފާހަގަކުރައްވާފަ އެވެ.
އެޤައުމެއްގައި ބަލި ފެތުރެން ފަށައިފިނަމަ ދުރާލާ މަސްދުވަހަށް ވާވަރަށް ކާއެއްޗެހި ގެއަށް ވެއްދުމަށާއި، އަންނައުނު ދޮންނަން ގެންގެގުޅޭ އޯމޯއިން ފެށިގެން ކުޑަކުދިންގެ ނެޕީފަދަ ތަކެތިވެސް ހޯދާއިރު މަސްދުވަހަށް ވާވަރަށް ހޯދާފައި ބެހެއްޓުމަށް އޭނާވަނީ އިރުޝާދު ދެއްވާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)