ޗައިނާއިން އުފެދިގެން އުޅޭ ނުރައްކާތެރި ކޮރޯނާވައިރަސް ފެންނަމުންދާ ޤައުމުތައް ދުވަހެއް ދުވަހަކަށް އިތުރުވާން ފަށައިފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. އަދި އެއަށްފަހު މި ވައިރަސްވަނީ ޗައިނާ އެއްކޮށް ހިޞާރުކޮށްފަ އެވެ. ޗައިނާގެ އިތުރުން 30 އަށްވުރެ ގިނަ ޤައުމަކުން ވަނީ ކޮރޯނާވައިރަސް ފެނިފައެވެ.
ކޮރޯނާވައިރަސް އެންމެފަހުން ފެނިފައިވަނީ އޮސްޓްރިއާ، ކްރޮއޭޝިއާ އަދިސްވިޒަލޭންޑުންނެވެ. އަދި ރިޕޯޓުތަކުން ބުނާގޮތުގައި މި ޤައުމުތަކުން ކޮރޮނާވައިރަހަށް ޕޮޒިޓިވް ވި މީހުންނަކީ ދާދިފަހުން އިޓަލީ އަދި އެފްރިކާގެ އަލްޖީރިޔާއަށް ދަތުރުކޮށްފައިވާ މީހުންނެވެ.
އިޓަލީ ފާހަގަކުރެވިފައިވަނީ ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމުގެ ގޮތުގައެވެ. އެގޮތުން ޔޫރަޕް ބައްރުގައި އޮންނަ އިޓަލީއިން އެކަނިވެސް 300 މީހުންވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި 11 މީހުންވަނީ މަރުވެފަ އެވެ.
އިޓަލީގައި ފެތުރޭ ކޮރޯނާވައިރަހާއި ގުޅިގެން އަވަށްޓެރި ފްރާންސް އާއި ޖަރުމަނުންވަނީ އެ ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅޭގޮތުން އިޓަލީ އާއިއެކު އެއް މޭޒެއްގައި މަޝްވަރާކޮށްފައެވެ. އަދި މަޝްވަރާތަކަށްފަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހައިކޮމިޝަނުންވަނީ އިޓަލީ އާއި ގުޅުވައިދޭ އަވަށްޓެރި އެއްވެސް ބޯޑަރެއް ބަންދުނުކުރުމަށް ނިންމާފަ އެވެ.
އީޔޫގެ މި ނިންމުމާއި ގުޅިގެން ޖަރުމަންވިލާތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް އިޓަލީގެ ހެލްތް ސެކްރެޓަރީ މެޓް ހަންކޮކް ވަނީ އިޓަލީއިން އެހެން ޤައުމުތަކަށް ދަތުރުކުރާ ފްލައިޓްތައް ހުއްޓުވުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ.
އިޓަލީއިން ފްލައިޓްތައް ނުހުއްޓުވައިފިނަމަ، ވައިރަހުގެ އަސަރު އެންމެބޮޑަށް ކުރާނެކަމަށް ބެލެވެނީ އެ ޤައުމަށް ކޮންމެ އަހަރަކު ދަތުރުކުރާ ތިން މިލިޔަން އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)