އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/02/2020

ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް: ދިރާސާ

ޗައިނާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 72،436 އަށް އަރާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން އުފެދި އެތައް ފުރާނައެއް ޝިކާރަކޮށްފައިވާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އައުޓްބްރޭކް އާއި ގުޅޭގޮތުން މިހާތަނަށް ހެދި އެންމެ އެންމެ ބޮޑު ދިރާސާ ޗައިނާއިން އާއްމުކޮށްފި އެވެ.

ޗައިނީޒް ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރޮވެންޝަން (ސީސީޑީސީ) އާއްމުކުރި މި ރިޕޯޓުގައި ވަނީ ކޮވިޑް-19ގެ ޖުމްލަ 44،000 ކޭސްއެއްގެ މައުލޫމާތު ހިމަނާފަ އެވެ.

ސީސީޑީސީއިން އާއްމުކުރި މި ދިރާސާގައި ބުނާގޮތުން ކޮވިޑް-19ގެ ނުރައްކާ އަދިވެސް އެންމެ ބޮޑަށް އަސަރު ކުރާނެކަމަށް ބެލެވެނީ އުމުރުންދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށެވެ. އަދި އޭގެ އިތުރުން ހޮސްޕިޓަލްތަކުގެ ސިއްހީ މުވައްޒަފުންނަށްވެސް މި ވައިރަސްގެ ނުރައްކާ އޮތްކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވާ ވޫހާން ސިޓީގެ ހުބޭއީ އަވަށުން މީހުން މަރުވާ އަދަދުވެސް އިތުރުކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. ޗައިނާގެ އެހެން ސިޓީތަކުން މި ވައިރަސްގައި މީހުން މަރުވާ ރޭޓް 0.4 އިންސައްތާގައި އުޅޭއިރު، ހުބޭއީ އަވަށުން މީހުން މަރުވާ ރޭޓް އުޅެނީ 2.9 އިންސައްތަގައެވެ. 

ޗައިނާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 72،436 އަށް އަރާފަ އެވެ. އަދި 1،868 މީހުންވަނީ މި ވައިރަހުގެ ސަބަބުން މަރުވެފަ އެވެ. އޭގެތެރޭގައި ވޫހާން ސިޓީގައި ހުންނަ "ވޫޗަންގް ހޮސްޕިޓަލް"ގެ ޑިރެކްޓަރ ވެސް ވަނީ މަރުވެފަ އެވެ. 

ޗައިނާގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިތުރުނަމަވެސް މި ބަލިން ފަސޭހަވެގެން އާއްމުންގެ ތެރެއަށް މީހުން ނުކުންނަމުންދާ މިންވަރުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެގޮތުން މިހާތަނަށް 13،000 މީހުންނަށް ފަރުވާލިބި އެއްކޮށް ރަނގަޅުވެގެން އަނބުރާ މުޖުތަމައުއަށް ނުކުމެފައިވާކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އަދިވެސް އެންމެ ބޮޑަށް އަސަރު ކުރާނެކަމަށް ބެލެވެނީ އުމުރުންދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް

ކޮވިޑް-19 ދިރާސާގެ އުސްއަލިތައް

  • މި ދިރާސާ ހެދުމަށް ބޭނުންކޮށްފައިވާ 44،000 ކޭސްއަކީ ޗައިނާގެ އެކި ހިސާބުތަކުން ފެނިފައިވާ ކޮރޯނާވައިރަހުގެ ކޭސްތަކެވެ.
  • އޭގެތެރެއިން 80.9 އިންސައްތައަކީ ވައިރަހުގެ ނުރައްކާ ދަށް މީހުންނެވެ. އަދި 13.8 އިންސައްތައަށް މެދުމިނަކަށް ނުރައްކާ އޮތްއިރު ނުރައްކާ ބޮޑުވަނީ އެންމެ 4.7 އިންސައްތަ އަށެވެ.
  • ކޮރޯނާވައިރަސް ޖެހިގެންވެސް އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ.
  • ޑައިބެޓިސް (ހަކުރު ބަލި)، ކްރޮނިކް ރެސްޕިރޭޓަރީ ޑިޒީސް އަދި ހައިޕަރޓެންޝަން ފަދަ ބޮޑެތި ބަލި ހުންނަ މީހުންނަށް ވައިރަސްގެ ނުރައްކާ ބޮޑެވެ.
  • މިހާތަނަށް 3،019 ސިއްހީ ވޯކަރުންނަށް ކޮވިޑް-19ގެ އަސަރުވަނީ ކޮށްފައެވެ. އަދި އޭގެރެއިން 1،716 ކޭސްއަކީ ޔަގީން ކޭސްތަކެވެ. ފެބްރުއަރީ 11 އާއި ހަމަޔަށް ޖުމްލަ 5 ސިއްހީ ވޯކަރުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ.
  • މި އައުޓްބްރޭކް ކުޑަކުރެވޭނީ އެކި ޗެނަލްތަކާއި އަދި އެހެނިހެން ގޮތްގޮތުންވެސް (ގިނަގިނައިން އަތްދޮވުމާއި، މާސްކް އެޅުން އަދި އެހީތެރިކަން ހޯދުން) ފަދަ މުހިއްމު މައުލޫމާތުތައް ޕްރޮމޯޓް ކޮށްގެންނެވެ.

 

ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރު ދުނިޔޭގެ ގިނަ ޤައުމުތަކަށްވެސް ވަނީ ކޮށްފައެވެ. އަދި ވައިރަހުގެ ސަބަބުން ޗައިނާގެ އިޤްތިސާދު ބޮޑު އަދަވަޅަކަށް ވެއްޓިދާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީ އޮތީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އެ ސިޓީގައި ރެއާދުވާލު ސިފައިން ފޯރިމަރަމުންދާއިރު، ހާއްސަ ހުއްދައެއްނެތި އެ ސިޓީއަށް މީހުންދަތުރުކުރުން އަދި ސިޓީއިން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އަދި މީގެއިތުން އެކި ޤައުމުތަކަށް ދަތުރުކުރަމުންދާ ކްރޫޒް ޝިޕްތަކުންވެސް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ފެންނަމުންދާތީވެ އެކަމާއި މެދުގައިވެސް ބައެއް ޤައުމުތަކުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ