ދުނިޔޭގެ އެކިކަންކޮޅުތަކަށް ބަލާލާނަމަ މިހާރުވެސް އެތައް ހާސް މީހުންނެއް އަދިވެސް ދަނީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސާރވިކަލް ކެންސަރު) ތަހައްމަލް ކުރަމުންނެވެ. އެހެންނަމަވެސް ޑަބްލިޔުއެޗްއޯ އާއި ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި ސާރވިކަލް ކެންސަރު މުޅިންހެން ނައްތާލެވިދާނޭ ކަމަށް ބުނެފަ އެވެ.
ސާރވިކަލް ކެންސަރަކީ ކުރިންވެސް އާއްމު ކެންސަރެއް ނަމަވެސް މި ކެންސަރު ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށްބޮޑަށް އިތުރުވެފަ އެވެ.
ޑަބްލިޔުއެޗްއޯގެ އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ހަނގުރާމަ ކުރަމުންދާ 570،000 މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެމުންދެ އެވެ. މިއީ 2018 ވަނަ އަހަރު ހަދާފައިވާ ދިރާސާއެކެވެ.
ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުން މި ކެންސަރުގެ ކޭސްތައް ގިނައިން ފެނިފައިވަނީ ދަށް އަދި މެދުފަންތީގެ ގައުމުތަކުންނެވެ. އަދި ރަނގަޅު ފަރުވާ ދެވި ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ މި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އަދި ދާދިފަހުން ދަ ލެންސެޓްގައި ވަނީ ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި މި ބާވަތުގެ ކެންސަރު ނައްތާލެވިދާނެ ކަމުގެ އުއްމީދު އާއްކޮށްދީ އައު ދެ ދިރާސާއެއް ނެރެފަ އެވެ.
މި ދިރާސާތައް ހަދާފައިވަނީ ޑަބްލިޔުއެޗްއޯގެ ސާރވިކަލް ކެންސަރ އެލިމިނޭޝަން މޮޑެލިން ކޮންސޯރޓިއަމް އާއި ގުޅިގެން ނެވެ.
މި ދިރާސާގައިވާގޮތުން 2120 ގެ ކުރިން މި ބާވަތުގެ ކެންސަރު ނައްތާލުމަށް ވެކްސިން ފުރިހަމަ ކުރުން ވަރަށްވެސް މުހިއްމެވެ. ހާއްސަކޮށް ދަށް އަދި މެދު ފަންތީގެ ގައުމުތަކުގެ އަންހެން ކުދިންނަށް ގަވާއިދުން (އެޗްޕީވީ) ވެކްސިން ދިނުމަށް ދިރާސާގައި ވަނީ ބާރު އަޅާފަ އެވެ.
ހިއުމަން ޕަޕިލޮމާވައިރަސް (އެޗްޕީވީ) ވެކްސިނުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހުން އިތުރުވުމަށް އޮތް ފުރުސަތު 89.4 އިންސައްތައަށް ކުޑަކުރެވިދާނޭ ކަމަށްވެސް ދިރާސާގައި ބުނެފައި ވެއެވެ.
އެޗްޕީވީ އަކީ ވަރަށް ފަސޭހައިން ފެތުރޭ ވައިރަސް އެކެވެ. ޖިންސީގުޅުމުގެ ސަބަބުން ފެތުރޭ މި ވައިރަސް އިންސާނާގެ ހަށިގަނޑުގައި އުމުރުދުވަހުވެސް ހުރެއެވެ.
އެޗްޕީވީ ވެކްސިން ޖެހުމަށް ނެޝަނަލް ކެންސަރ އިންސްޓިޓިއުޓުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. މި ވެކްސިން އާއްމުކޮށް ޖަހަނީ އަންހެން ކުދިންނަށް، އެކުދިންގެ އުމުރުން 11 ނުވަތަ 12 އަހަރުގަ އެވެ. އަދި އެންމެ އަވަސް ވެގެން ނުވަ އަހަރުގަވެސް މި ވެކްސިން ޖެހިދާނެއެވެ. އަދި އުމުރުން 45 އަހަރާއި ހަމަޔަށް މި ވެކްސިން ޖެހޭނެ އެވެ.
ދިރސާ ޓީމުން ލަފާކޮށްފައިވާ ގޮތުގައި މެދު އަދި ދަށް ފަންތީގެ ގައުމުތަކުގައި އެދެވޭގޮތެއްގައި މި ވެކްސިން ދެވިއްޖެނަމަ ސާރވިކަލް ކެންސަރު ޖެހުމުގެ ނުރައްކާއިން 61 މިލިއަން މީހުން 2120 އާއި ހަމަޔަށް ރައްކާތެރިކުރެވޭނެ އެވެ.
އަދި ދެވަނަ ދިރާސާގައި ބުނެފައިވާގޮތުން ދަށް އަދި މެދުފަންތީގެ ގައުމުތަކުގެ އާބާދީގެ ތެރެއިން ކޮންމެ 100.000 އަންހެނުންގެ ތެރެއިން 13.2 ކޭސްއަކީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރުގެ ސަބަބުން މަރުވާ ކޭސްތަކެވެ.
އަދި ގައުމުތަކުން މީހުން މި ކެންސަރަށް ސްކްރީން ކުރާ މިންވަރު އިތުރުކޮށް ރަނގަޅު ފަރުވާއެއް ފޯރުކޮށްދެވިއްޖެ ނަމަ މި އަދަދު 2030 އާއި ހަމަޔަށް 34.2 އިންސައްތަ އަށް މަދުކުރެވިދާނެ އެވެ.
އަދި މިހާރުން ފެށިގެން ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި ސާރވިކަލް ކެންސަރު ޖެހިގެން މަރުވާ އިންސައްތަ 89.5 އަށް ދަށް ކުރެވޭނޭ ކަމަށްވެސް ދިރާސާގައި ލަފާކޮށްފައި ވެއެވެ. ހަމައެހެންމެ 45.8 މިލިޔަން މީހުން މި ކެންސަރުން ރައްކާތެރިކުރެވޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)