ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް 1،700 އަށް ވުރެ ގިނަ ސިއްހީ އެހީތެރިން ޕޮޒިޓިވް ވެފައިވާ ކަމަށް ޗައިނާގެ އިދާރާތަކުން ހާމަކޮށްފިއެވެ.
ޗައިނާގެ ވޫހާން ގައި ފެތުރެން ފެށި މިވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިރު މީގެ ތެރެއިން ބޮޑު ބަޔަކީ ޗައިނާގައި ދިރިއުޅޭ ރައްޔިތުންނެވެ. އެގޮތުން މި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން ދަނީ ސިއްހީ އެހީތެރިންނެވެ.
ޗައިނާގެ ހޮސްޕިޓާތައް އަދި ކްލިނިކް ތަކުގައި މަސައްކަތް ކުރަމުންދާ 1،700 ސިއްހީ އެހީތެރިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން 6 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ވައިސް ޑިރެކްޓަރ ވިދާޅުވެފައިވަނީ ސިއްހީ އެހީތެރިން ރައްކާތެރިކުރުމަށްޓަކައި އެމީހުން މަސައްކަތް ކުރާ މާހައުލު އަދި ބޭނުންކުރާ ވަސީލަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި ހަމަ މިއާއެކު އެމީހުންގެ ނިދި ހަމަކުރުމަށާއި ކެއުމުގެ ކަންތަކަށް އިސްކަމެއްދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެވިއެވެ.
ޗައިނާގެ އިދާރާތަކުން ހާމަކޮށްފައިވާ މިއަދަދާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިމައުލޫމާތުގެ މުހިއްމުކަން ފާހަގަކުރިއެވެ. އަދި މިއަދަދާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"This is a critical piece of information, because #healthworkers are the glue that holds the health system & outbreak response together. We need to know more about this figure, including the time period & circumstances in which the health workers became sick-@DrTedros #COVID19
— World Health Organization (WHO) (@WHO) February 14, 2020
ކޮރޯނާވައިރަސް ފެތުރިއްޖެ ކަމަށް ފުރަތަމަ ފަހަރަށް މީޑިޔާތަކަށް ހާމަކުރި ޗައިނާގެ ޑޮކްޓަރ ވަނީ މީގެ އެއް ހަފްތާ ކުރިން މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެފައެވެ. މިމަރާއި އެއްކޮށް އެތަކެއް ބަޔެއްގެ ރުޅިވެރިކަންވަނީ ޗައިނާގެ ސަރުކާރަށް އަމާޒުވެސް ވެފައެވެ.
މިވައިރަސްގެ އެންމެ ގިނަ ކޭސްތަކެއް ރިޕޯޓުކުރެވިފައިވާ ވޫހާން އަށް އިތުރު ސިއްހީ އެހީތެރިން ފޮނުވަމުން ގެންދާ ކަމަށް ޗައިނާގެ އިދާރާތަކުން ވަނީ އިއުލާނު ކޮށްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)