
މާސްކް އެކަނި ބޭނުންކޮށްގެން ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރި ނުވެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ މިވައިރަސް އިން ރައްކާތެރިވުމަށް ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ދަނީ މާސްކް ބޭނުން ކުރަމުންނެވެ. އެގޮތުން ބައެއް ބޭސް ވިއްކާ ފިހާރަތަކުން މާސްކް ހުސްވެފައިވާ ވާއިރު އަނެއް ބައި ފިހާރަތަކުން ބޮޑު އަގުގައިވެސް މާސްކް ވިއްކަން ފަށައިފިއެވެ.
ޑަބްލިއުއެޗްއޯގެ ފަރާތުން ވާހަކަ ދައްކަވަމުން އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްގެ ކޮންސަލްޓަންޓް އެއް ކަމަށްވާ ކްރިސްޓީން ފްރާންސިސް ވިދާޅުވީ މާސްކް އެޅުމުގެ އިތުރުން އަމިއްލަ މީހާގެ ސާފުތާހިރުކަމާ އެހެނިހެން ސަލާމަތީ ފިޔަވަޅުތަކަށް ވެސް އިސްކަމެއް ދޭން ޖެހޭނެ ކަމެވެ.

މީގެ އިތުރުން، މިވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މާސްކް އެޅުމަށް ލަފާކުރަނީ ހަމައެކަނި ކެއްސާ، ހުން އައިސް އަދި ނޭވާލާން އުނދަގޫވާނަމަ އެކަންޏެވެ. އަދި މިއަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުންވެސް މުހިއްމެވެ.
ނަމަވެސް މީގެން އެއްވެސް އަލާމާތެއް ނުފެންނަ ނަމަ މާސްކް އަޅާކަށް ނުޖެހޭކަމަށް ކްރިސްޓީން ވިދާޅުވިއެވެ.
" ބަލި ނުވާ މީހުން މާސްކް އަޅައިގެން (ވައިރަސް އިން) ރައްކާތެރިވާ ކަމެއްގެ އެއްވެސް ހެއްކެއް ނެތް" ސަބަބު ބަޔާންކޮށްދެމުން އޭނާ ވިދާޅުވިއެވެ.
މާސްކް ބޭނުންކުރާނަމަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށްފަހު އެއްލާލަންވެސް ޑަބްލިއުއެޗްއޯ އިން އިލްތިމާސް ކުރިއެވެ. އަދި އެއަށް ފަހު ސައިބޯނި ލައިގެން އަތް ދޮންނަންވެސް އިލްތިމާސް ކުރިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)