ރާއްޖެއަށް އަންނަ ހުރިހާ އެންމެންގެ ޓްރެވަލް ހިސްޓްރީ ދެނެގަތުމުގެ މަސައްކަތް މިދަނީ ކުރަމުން: ހެލްތް މިނިސްޓަރ
މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެވެސް ޓްރެވަލް ހިސްޓްރީ ދެނެގަތުމުގެ އިންތިޒާމް ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ ޓްރެވަލް ހިސްޓްރީގައި ބަލާނީ ހަމައެކަނި ދަތުރުކޮށްފައި ހުރި ޤައުމެއް އެކަނި ނޫންކަމަށާއި ރާއްޖޭގައި މިވަގުތު ހުންނަތަނެއްގެ މައުލޫމާތާއި އަދި ގުޅޭނޭގޮތްތަކުގެ މައުލޫމާތުވެސް ހޯދުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ހެލްތް މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖއިން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މިހާރު މެދުކަނޑާލެވިފައިވާ ކަމަށެވެ. އަދި ރާއްޖެއާއި އަވަށްޓެރި ބައެއް ޤައުމުތަކުން ޗައިނާއަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓާލެވިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް މެދުކަނޑާލުމުގެ އިތުރުންވެސް މިކަމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ސްކްރީނިންގެ މަސައްކަތަށް ކުރި އެރުމެއް އަންނާނޭ ކަމަށް ޤަބޫލުފުޅުކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތިބި ޗައިނާގެ ޓޫރިސްޓުން އެ ގައުމަށް ގެންދިއުމަށް ޗާޓާ ފްލައިޓްތަކެއް ބާއްވަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮން ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އަދި އެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ޔަގީން ކޮށްދެއްވާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)