އެބޯލާ ވައިރަސްގެ ފަހުން ދުނިޔެ ދުށް އެންމެ ނުރައްކާތެރި ވައިރަސް އަކަށް ކޮރޯނާވައިރަސް ވާނެއެވެ. ނުރައްކާތެރި ސާސް އަދި މާސްގެ އާއިލާއަށް ނިސަބަތްވާ މި ވައިރަސްގެ ސަބަބުން އެތައް ބައެއް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އަދި މި ވައިރަސް އާއި ގުޅޭގޮތުން އާއްމުންގެ ހިތުގައި ވަނީ ނުތަނަވަސްކަމާއި އެއްވަރަށް ސުވާލުތައް ވެސް ދަނީ އުފެދެމުންނެވެ.
މި ލިޔުމުގައި މި ގެނެސްދެނީ ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އާއްމުންގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކާއި އޭގެ ޖަވާބެވެ.
ދަ ގްލޮބަލް ނިއުސް މެދުވެރިކޮށް އާއްމުންގެ މި ސުވާލުތަކަށް ޖަވާބުދެއްވާފައި ވަނީ ޓޮރޮންޓޯގެ ޔުނިވަރސިޓީ ހެލްތް ނެޓްވޯކްގެ އިންފެކްޝިއަސް ޑިޒީޒް ފިޒިޝަން އަދި މެޑިކަލް ޑިރެކްޓަރ އޮފް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ޑރ. ސަސީ ހޯޓާ އެވެ.
ކޮރޯނާވައިރަސްގެ އަސްލަކީ ކޮބާ؟
ކޮރޯނާ ވައިރަސްގެ އަސްލެއް އަދި މިހާތަނަކަށް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ހީވާގޮތުގައި މި ވައިރަސް އުފެދިގެން އައިސްފައިވަނީ ޗައިނާގެ ވޫހާން އަވަށުގެ ޖަނަވާރު މާރުކޭޓަކުންނެވެ. އަދި ޔަގީންކުރެވޭގޮތުގައި މި ވައިރަސް އިންސާނުންގެ ގަޔަށް އަރާފައިވަނީ އެތަނުގައި ހުރި ކޮންމެވެސް އެއް ބާވަތެއްގެ ޖަނަވާރެއްގެ ޒަރިއްޔާއިން ނެވެ.
ވެޓް މާރުކޭޓު ނުވަތަ ޖަނަވާރުންގެ މާރުކޭޓަކީ ކައިރި ކައިރީގައި ދިރިހުރި އަދި މަރުވެފައިވާ ޖަނަވާރުންގެ ވިޔަފާރި ކުރާ ތަންތަން ހުންނަ ސަރަހައްދަށް ކިޔާ ނަމެކެވެ.
"ކޮރޯނާވައިރަސް އާއްމުގޮތެއްގައި ފެތުރެނީ ވައިރަސް އުފެދިފައި ހުރި ޖަނަވާރެއްގެ ޒަރިއްޔާއިން ނުވަތަ ވާލުގެ ޒަރިއްޔާއިން" ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.
މި ވައިރަސް އުފެދިފައިވަނީ ކޮން އެއްޗެއްގައި ކަން ދެނެގަތުމަށް ސިއްހީމާހިރުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމަށް ވަގުތު ނަގާނޭކަމަށް ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.
މި ވައިރަސް ފެތުރެނީ ކިހިނެތް؟ ބަލިޖެހިފައި ހުރި މީހެއް އަތްލާފައި ހުރި އެއްޗެއްގައި އަތްލައިގން ބަލި ޖެހިދާނެތަ؟
ކޮރޯނާވައިރަސް ފެތުރެނީ އެހެން ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސްތައް ފެތުރޭގޮތަށް ވައިގެ ތެރެއިންނެވެ.
"އަހަރެމެން ވައިރަލް އިންފެކްޝަން އެއް ޖެހި ބަލިވެގެން އުޅޭ ދުވަސްވަރު އަހަރެމެންގެ ނޭފަތާއި އަނގަ އަދި ފުއްޕާމޭގައި ވައިރަސް އަށަގެންފައި ހުރޭ. ދެން ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ކުޅާއެކުވެ ވައިގެ ތެރެއަށް ވައިރަސް ފެތުރެން މެދުވެރިވޭ. މިއީ ވައިރަސް ފެތުރޭ ގޮތަކީ" ކޮރޯނާވައިރަސް ފެތުރޭގޮތާއިމެދު މިސާލު ޖައްސަވަމުން ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.
ކިނބިހި އަޅާއިރު އަނގައިން ބޭރުވާ ކުޅުގައި ބަރުދަނެއް ހުންނާތީވެ މި ކުޅުތައް ދެ މީޓަރަށް ވުރެ ދުރަކަށް ނުދާނެއެވެ. މީގެއިތުރުން ވައިރަސް އުފެދިފައިވާ ހިސާބެއްގައި އަތްލުމަށްފަހު އެ އަތް ސާފުނުކޮށް މޫނު ނުވަތަ ލޮލުގައި އަތްލުމަކީވެސް ވައިރަސް ފެތުރެން މެދުވެރިވާ ކަމެކެވެ.
ކޮރޯނާވައިރަސްގެ ރަނގަޅުގޮތަކީ ކޮބާ؟
"މި ވައިރަސްގައި އައިޑެންޓިޓީ ހޯދުމުގައި ދަތިތަކެއް ވޭ" ޑރ. ހޯޓާ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ނިސްބަތްވަނީ ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުންގެ ނޭވާލާ ނިޒާމަށް ބަލިޖައްސުވާ ވައިރަސްގެ ބޮޑު އާއިލާއަކަށެވެ. މި ކޮރޯނާ ވައިރަސްގެ ތެރޭގައި ނޭވާލާ ނިޒާމަށް ބަލިޖެއްސުމަށް މަސައްކަތްކުރާ ތަފާތު ހަތް ވައްތަރެއް ވެއެވެ.
"އޭގެ ތެރެއިން ދެ ވައްތަރަކީ ނުރައްކާތެރި ސާސް އަދި މާސް ވައިރަސް" އަދި ބާކީ ހުރި ވައްތަރުތަކަކީ އާދައިގެ ރޯގާގެ އަލާމާތްތައް ފެންނަ ވައްތަރުތައް ކަމަށް ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.
މި ދުވަސްވަރު ދަތުރުފަތުރު ކުރުން ރައްކާތެރިތަ؟
މި ދުވަސްވަރު ދަތުރުފަތުރު ކުރާނަމަ ދުރާލާ ވައިރަސް ފެތުރިފައިވާ ސަރަހައްދުތައް ފާހަގަކޮށް އެތަންތަނަށް ނުދިއުމަށް ސަމާލުވާންޖެހޭނެ އެވެ.
ކޮރޯނާވައިރަސްގައި ހައިބަރނޭޝަން ޕީރިއަޑެއް އޮވޭތަ؟ އަދި އަލާމާތްތައް ފާޅުވާން ކިހާ މުއްދަތެއް ނަގާ؟
ވައިރަސްގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ މުއްދަތޭ ކިޔަނީ ވައިރަސް ގަޔަށް އަރާ ހިސާބުން އަލާމާތްތައް ފާޅުވަންދެނެވެ.
"މިހާތނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭގޮތުގައި މި މުއްދަތަކީ އެއް ދުވަހާއި 14 ދުވަހާއި ދެމެދު ނަމަވެސް ގިނަ މީހުން ފިޒިކަލީ ބަލިވާން ފަށާއެބަ ތިން ދުވަހާއި ހަ ދުވަހުގެ މުއްދަތެއްގެ ތެރޭގައި" ޑރ. ހޯޓާ ވިދާޅުވި އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)