62 އަހަރުގެ ޑރ. ލިއަންގް ވުޑޮންގް މަރުވީ އިއްޔެ ހެނދުނެވެ. ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދެމުން ދަނިކޮށް ޑރ. ވުޑޮންގް މަރުވީ މި ނުރައްކާތެރި ވައިރަސްގެ ޝިކާރައަށް ވެގެންނެވެ.
ކަރުންމަތީގެ މި ޑޮކްޓަރު މަރުވުމުގެ ގަޑިއިރެއް ކުރިން ޗައިނާއިން ވަނީ އިތުރު ޑޮކްޓަރަކުވެސް މަރުވެފަ އެވެ. 51 އަހަރުގެ ޖިއާން ޝިން މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިފަ އެވެ. އަދި މި ޑޮކްޓަރަށް ކޮރޯނާވައިރަސް އަސަރުކޮށްފައިވާ ކަމެއް މިހާތަނަށް އަދި ޔަގީންވެފައެއް ނުވެއެވެ.
ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު މި ނުރައްކާތެރި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާން އަވަށަށް ޗައިނާގެ ސަރުކާރުން ވަނީ 1،200 އިތުރު ސިއްހީ އެހީތެރިން ފޮނުވާފައެވެ. މި ސިއްހީ އެހީތެރިންގެ ތެރޭގައި އިއްޔެ މަރުވި ޑރ. ވުޑޮންގް ވެސް ހިމެނެ އެވެ.
ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސް އައުޓްބްރޭކް އާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަހަށް 1000 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްކުރަމުން ނެވެ. އަދި ޗައިނާއަށް ކުރިމަތިވި މި ކާރިސާ އާއި ގުޅިގެން އެ ޤައުމުގެ އެންމެ ބޮޑު ބަންދުކަމަށްވާ ލޫނާ ނިއު އިޔާއަށް ވެސް ހިޔަނި އެޅިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
ޗައިނާގެ ވޫހާން ސިޓީގެ އިތުރުން 12 ސިޓީއެއްގައި ދަތުރުފަތުރުކުރުން މެދުކަނޑާލާފައި އޮތްއިރު ވޫހާން ސިޓީގެ މެދުތެރޭގައި އޮންނަ ހުބޭއީ އަވަށުން އެކަނިވެސް މަރުވި މީހުންގެ އަދަދު ވަނީ 41 އަރާފަ އެވެ. އަދި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1،300 އަށް އަރާފަ އެވެ.
ދަ ގާޑިއަންއިން ރިޕޯޓުކޮށްފައިވާގޮތުގައި ކޮރޯނާވައިރަސްގައި މަރުވި ފުރަތަމަ ޑޮކްޓަރަކީ ޗައިނާގައި ހުބޭއީގެ ޒިންހުއާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ ޑޮކްޓަރެކެވެ. މި ޑޮކްޓަރަކީ ރިޓަޔާވެފައި ހުރި ޑޮކްޓަރެއް ނަމަވެސް ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ އައުޓްބްރޭކްގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޑރ. ވުޑޮންގް މަސައްކަތަށް އެނބުރި އައީކަމަށްވެސް ވަނީ ބުނެފަ އެވެ.
ޑރ. ވުޑޮންގް މަރުގެ ހަބަރުތައް ހަބަރުތަކުގެ ސަމާލުކަމަށް އައުމާއެކު ގިނަ ބަޔަކުވަނީ މިކަމާއި މެދު ކަންބޮޑުވުންފާޅުކުރަން ފަށާފައެވެ. ހާއްސަކޮށް މިފަދަ ނުރައްކާތެރި ވައިރަސްއެއް ޖެހިގެން ފަރުވާދެމުންދާ ސިއްހީ އެހީތެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބެއިޖީން ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖުމްލަ 15 ސިއްހީ އެހީތެރިންނަށް މި ވައިރަސްގެ އަސަރު ވަނީ ކޮށްފަ އެވެ.
ޗައިނާގައި ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް ވަނީ އެ ގައުމުގެ 18 ސިޓީއަކަށް ފެތުރިފަ އެވެ. އަދި މި ވައިރަސްގެ ސަބަބުން 56 މިލިއަން މީހުން އެ ޤައުމުގެ އިދާރާތަކުގެ ހާއްސަ ހުއްދައާ ނުލައި ދަތުރުފަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)