ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހޯދުންތަކުން ދައްކާގޮތުގައި ނޮވެލް ކޮރޯނާވައިރަސް އަކީ އާދައިގެ ރޯގާއަކުން ފެށިގެން މިހާތަނަށް ދުނިޔެއިން ފެނުނު ނުރައްކާތެރި ދެ ބަލިކަމަށްވާ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރަމް (މާސް) އަދި އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރަމް (ސާސް)ގެ ދަރަޖައަށް ދާނޭ ފަދަ ނުރައްކާތެރި ކޮރޯނާވައިރަސްގެ އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ.
މި ހުރިހާ ވައިރަސް އަކީވެސް ފުރަތަމަ ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް އަރާ ވައިރަސް ތަކެކެވެ. އެގޮތުން މިހާތަނަށް ހޯދިފައިވާ ގޮތުގައި ސާސް ވައިރަސް އިންސާނުންގެ ގަޔަށް އަރާފައިވަނީ ސިވެޓް ބުޅަލުގެ ޒަރިއްޔާއިން ނެވެ. އަދި މާސް އިންސާނުންގެ ގަޔަށް އަރާފައިވަނީ ޖަމަލުގެ ޒަރިއްޔާއިން ނެވެ.
ހަމައެހެންމެ މިހާތަނަށް ހޯދި ހޯދުންތަކުން ނޮވެލް ކޮރޯނާވައިރަސް އިންސާނުންގެ ގަޔަށް އަރާފައިވަނީ ވޫހާން ސިޓީގެ ސީފުޑް މާރުކޭޓެއްގައި ހުރި ޖަނަވާރެއްގެ ގައިންކަން ވަނީ ޔަގީންވެފަ އެވެ. އެހެންނަމަވެސް އެއީ ކޮން ޖަނަވާރެއްކަން އަދި ހޯދިފައެއް ނުވެއެވެ.
ނޮވެލް ކޮރޯނާވައިރަސް ޗައިނާގެ އޮތޯރިޓީތަކުން ހޯދާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ މަހު 31 ވަނަ ދުވަހުގަ އެވެ. އަދި މީގެކުރިން އިންސާނުންގެ ގައިން ފެނިފައިނުވާ މި އައު ވައްތަރުގެ ވައިރަހަށް ދީފައިވާ ނަމަކީ 2019-nCov އެވެ. އަދި ދާދިފަހުން ސިއްހީމާހިރުން ވަނީ މި ބައްޔަކީ ބަލިޖެހިފައިވާ މީހެއްގެ ޒަރިއްޔާއިން ބަލިނުޖެހޭ މީހުންގެ ގަޔަށް ފެތުރޭ ބައްޔެއްކަން ޔަގީންކޮށްދީފަ އެވެ.
ކޮރޯނާވައިރަސް ފެނިފައިވާ ޤައުމުތަކަކީ ކޮބާ؟
ޗައިނާގެ ވޫހާން ސިޓީގައި އޮންނަ ހުބޭއީ ޕްރޮވިންސް އިން ޖުމްލަ 26 މީހުން މަރުވެފައިވާ ކޮރޮނޯ ވައިރަސް މިހާރު ވަނީ ދުނިޔޭގެ ބައެއް ޤައުމުތަކަށްވެސް ފެތުރެން ފަށާފަ އެވެ. އަދި މި ސަރަހައްދަކީ މިހާތަނަށް މި ވައިރަސް ޖެހިގެން އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ސަރަހައްދެވެ. އެގޮތުން ވޫހާން ސިޓީއިން އެކަނިވެސް މިހާތަނަށް ވަނީ 870 ކޭސް ރިޕޯޓުކޮށްފަ އެވެ.
ޗައިނާގެ އިތުރުން ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ތައިލޭންޑުން ވަނީ ނޮވެލް ކޮރޯނާވައިރަސްގެ 4 ކޭސްއެއް ރިޕޯޓުކޮށްފަ އެވެ. އަދި ސައުތު ކޮރެއާ، ޓައިވާން، ޖަޕާން، ހޮންގް ކޮންގް، މަކާއު، ވިއެޓްނާމް، ސިންގަޕޯ، ސައުދީ އަރަބިޔާ އަދި އެމެރިކާއިން ވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.
މިއީ ކިހާ ނުރައްކާތެރި ބައްޔެއް؟
މިހާތަނަށް ބައެއް ސިއްހީ މާހިރުން ބުނެފައިވާގޮތުގައި ނޮވެލް ކޮރޯނާވައިރަސް އަކީ 2002 އިން 2003 ވަނަ އަހަރާއި ހަމަޔަށް ފެތުރުނު ނުރައްކާތެރި ސާސް ވައިރަސް ހާ ނުރައްކާތެރި ވައިރަހެއް ނޫނެވެ. ސާސް ވައިރަސްގައި އެ މުއްދަތުގައި ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން 800 އެއްހާ މީހުން މަރުވެފަ އެވެ. އަދި މި ވައިރަސްއަކީ ވެސް ސީދާ ޗައިނާއިން އުފެދިގެން ދިޔަ ވައިރަހެކެވެ.
ސާސްގެ ފަހުން ދެން ފެތުރުނު ނުރައްކާތެރި މާސް ވައިރަސް ދުނިޔޭގެ ކަންކޮޅުތަކަށް ނުފެތުރެނީސް ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. މި ނުރައްކާތެރި ވައިރަސް ޖެހުނު ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު ވަނީ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތަކަކީ ކޮބާ؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހޯދުންތަކަށް ބަލާއިރު ނޮވެލް ކޮރޯނާވައިރަސް ލޭބަލްކޮށްފައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެއްގެ ގޮތުގަ އެވެ. އަދި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ކެއްސުން، ނޭވާކުރުވެ ނޭވާލާން ދަތިވުމެވެ.
ހަމައެހެންމެ ކޮރޯނާވައިރަސް ޖެހިގެން ސީރިއަސްވާ ކޭސްތަކުގައި މީހާ ނިއުމޯނިއާއަށް ހުށަހުޅެމާއި ނުރައްކާތެރި ސާސް ބައްޔަށް ހުށަހެޅުމާއި، ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވުން ހިމެނެ އެވެ. ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 26 މީހުން މަރުވެ، ބަލި ފެތުރެމުންދާ ވޫހާން ސިޓީވަނީ ކަރަންޓީނު ކޮށްފަ އެވެ.
އެމެރިކާގެ ސީޑީސީއިން ގަބޫލުކުރާ ގޮތުގައި ވައިރަސް އިންސާނާގެ ގައިތެރެއަށް ވަންނަތާ 2 ދުވަހާއި 14 ދުވަސް ތެރޭގައި އަލާމާތްތައް ފާޅުވާނެއެވެ.
މިވައިރަސްއިން ރައްކާތެރިވުމަށްޓަކައި ކުރެވޭނީ ކޮންކަމެއް؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި އެންމެ މޮޅު ގޮތަކީ އަމިއްލަ ނަފްސުގެ ސާފުތާހިރުކަމަށް އިސްކަމެއް ދީ، ކެއުން ބުއިމަށް ބޭނުންކުރާ ތަކެއްޗަށް ސަމާލުކަން ދިނުމެވެ. މީގެ ތެރޭގައި ހިމެނެނީ؛
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- ކެއްސާއިރު އަދި ކިނބިހި އަޅާއިރު މޫނާއި ނޭފަތް ޓިޝޫ އިން ނިވާކުރުން – އަދި ނިމުމުން ވަގުތުން ޓިޝޫ ރައްކާތެރި ގޮތުގައި ނައްތާލުމަށްފަހު އަތް ދޮވުން
- ހުން އައިސް ކެއްސާ މީހުންނާއި ގާތް ނުވުން
- ހުން އައިސް، ކެއްސާ، ނޭވާ ކުރުވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން އަދި ފާއިތުވި ދުވަސްވަރު ދަތުރު ކުރި ތަންތަން ހާމަކުރުން
- ނުކައްކާ ހުންނަ މަސް، ކިރު ނުވަތަ ޖަނަވާރުގެ ބައިތައް ނުކެއުން
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)