ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރަމް (ސާސް) އަކީ ކޮރޯނާވައިރަސްގެ އާއިލާއަށް ނިސްބަތްވާ ވައިރަސް އެކެވެ. މިއީ 2002 ވަނަ އަހަރު ފަހުކޮޅު ޗައިނާއިން އުފެދުނު ވައިރަސް އެކެވެ. ނޮވެލް ކޮރޮނާވައިރަސް އާއި ދާދި އެއްގޮތް މި ވައިރަސް ދުނިޔޭގެ ދެ ޑަޒަނަށްވުރެ ގިނަ ގައުމުތަކަށް އޭރުވަނީ ފެތުރިފަ އެވެ. އަދި މި ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ 800 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފަ އެވެ.
ސާސް ވައިރަސް އަކީ ބަލިޖެހިފައިވާ މީހެއްގެ ޒަރިއްޔާއިން ފަސޭހަކަމާއެކު ފެތުރޭ ވައިރަސް އެކެވެ. 2002 ގައި މި ވައިރަސް ޗައިނާގައި ފެތުރެން ފެށުމުން ޗައިނާގެ ސަރުކާރުން ވަނީ މިކަން ސިއްރުކުރުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ސާސް ފެތުރޭކަމަށް އެއްބަސްވެފައި ވަނީ، ދުނިޔޭގެ ޕްރެޝަރ ޗައިނާއަށް ކުރިމަތިވި ފަހުންނެވެ. ސާސް ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި 38 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިން ހުން އައުމާއި، ހިކިކޮށް ކެއްސާ އަދި ނޭވާ ކުރުވުން ހިމެނެ އެވެ.
މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރަމް (މާސް) އެންމެ ފުރަތަމަ ފެނިފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި އަރަބި ބައްރަށް ނިސްބަތްވާ ސައުދީ އަރަބިއާ އިންނެވެ. މިވެސް ކޮރޯނާވައިރަސް އާއިލާއަށް ނިސްބަތްވާ ވައިރަސް އެކެވެ. މި ވައިރަސްގައި ވަނީ އެ ދުވަސްވަރު 850 މީހުން މަރުވެފައެވެ. މާސް ވައިރަސް އަކީ އިންސާނުންގެ ގައިން ގަޔަށް ފަސޭހަކަމާއެކު އަރާ ވައިރަސް އެކެވެ.
މި ބަލިޖެހުމުން ހުން އައިސް، ކެއްސާ، ނޭވާ ކުރުވެ، ކެއްސާއިރު ކަރުން ލޭ އައިސް، ކަރާއި ގައިގަ ރިއްސުމުގެ އިތުރުން ބަނޑުގަ ރިއްސާ ހޮޑުލެވި ބޭރަށް ހިންގުން ފަދަ ކަންކަން ކުރިމަތިވެއެވެ.
މި ދެ ވައިރަސްގެ ތެރެއިން ވެސް މިހާރު ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އާއި އެންމެ އެއްގޮތީ ސާސް ވައިރަސްއާ އެވެ.
ނޮވެލް ކޮރޯނާވައިރަސް އަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މި ބަލި ފުރަތަމައިނުން އިންސާނުން ގަޔަށް އެރިކަމަށް ގަބޫލު ކުރެވެނީ ޖަނަވާރުތަކުގެ ޒަރިއްޔާއިންނެވެ. އެހެންނަމަވެސް ޗައިނާގެ ސިއްހަތާއި ބެހޭ ވުޒާރާތަކުން ވަނީ މިހާރު ފެތުރެމުންދާ ވައިރަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާކަން ޔަގީންކޮށްދީފަ އެވެ.
ނެވާލާ ނިޒާމަށް ޖެހޭ މި ނުރައްކާތެރި ބަލި ބޮޑުވެ ނިއުމޯނިއާ ބަދަލުވުމުގެ ފުރުސަތުވެސް އޮވެ އެވެ. ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކެއްސުމާއި، ހުން އައުމާއި، ނޭވާ ކުރުވުމާއި އަދި ނޭވާލާން އުނދަގޫ ވުމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)