ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތާރމަލް ކެމެރާ ބޭނުން ކޮށްގެން ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމުގެ މަސައްކަތް މިއަދު ފަށައިފިކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކަށް ބަލާފައި 1 ކެމެރާ އާއެކީ ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް 3-4 ދުވަހުގެ ތެރޭގައި ޖުމްލަ 6 ކެމެރާއާއެކު އެއާޕޯޓުގައި ސްކްރީން ކުރާނެ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ އެއާޕޯޓު އަދި ރާއްޖޭގެ ތަފާތު އެންޓްރީ ޕޮއިންޓްތަކާއި ޕޯޓުތަކުގައި ވެސް މިނުރައްކާތެރި ވައިރަސްއަށް ސްކްރީން ކުރާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 440 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ޗައިނާގެ އިތުރުން ތައިލެންޑް، ޓައިވާން އަދި ސައުތު ކޮރިޔާގައިވެސް މިވައިރަސް ރިޕޯޓުކުރެވިފައިވެއެވެ.
ރާއްޖެއަކީ ކޮންމެ ދުވަހަކުވެސް އެތަކެއް ބަޔަކު ޒިޔާރަތްކުރާ ޤައުމެއްކަމަށް ވުމުން މިބައްޔަށް ޝައްކު ކުރެވޭނަމަ އެކަހެރި ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިއްޖެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އެގޮތުން މާދަމާ ހެނދުނުން ފެށިގެން އެއާޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ދާއިމީ ފެސިލިޓީއެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި މިބަލި ފެނިއްޖެނަމަ ކަންތައްތައް ކުރަންވީ ގޮތުގެ މަޝްވަރާ ހޮސްޕިޓަލްތަކާއި ކުރެވި ބައްޔަށް ޓެސްޓުކުރުމަށްޓަކައި ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރުމުގެ އިންތިޒާމް ހަމަޖެހިއްޖެއެވެ.
އެޗްޕީއޭ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން މިވައިރަސް އާއި ގުޅޭ ކަމެއް ރާއްޖެއިން ފެނިއްޖެނަމަ ކަންތައް ކުރަންވީ ގޮތުގެ މަޝްވަރާވެސް ކުރެވިއްޖެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)