ނަބީލް އިބްރާހިމް
ޝާއިޢު ކުރީ: 13/01/2020
HPA Ministry of Health Measles Dr Nazla Musthafa Dr Fathimath Nazla Rafeeqމީސަލްސް ޖެހިގެން އެންމެ ބޮޑަށް ސީރިއަސް ވަނީ 5 އަހަރުން ދަށުގެ ކުދިންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
މި ދެ ގްރޫޕްގެ އިތުރުން ޕްރެނިސޮލޮން ފަދަ ބޭހެއް ނުވަތަ ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނަށްވެސް ހިމަ ބިހި ޖެހުމުން ސީރިއަސް ވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިބަލީގެ ސަބަބުން މުޖުތަމައުގެ އެހެން މީހުންނަށް ސީރިއަސް ވުމުގެ ފުރުސަތު އޮތް ކަމުގައިވީނަމަވެސް، އާއްމުކޮށް ހިމަބިއްސަކީ އެހެން މީހުންނަށް އެހާ ސީރިއަސް ބައްޔެއް ނޫން ކަމެވެ.
މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހޭ 1000 ކުދިންގެ ތެރެއިން މަރުވަނީ 1-2 ކުދިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ ކަހަލަ ގައުމެއްގައި އެއް ކޭސް ނުވަތަ ދެ ކޭސް ފެނުމަކީ ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިޒީޒް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ހިމަ ބިހީގެ އެންމެ ކޭސްއެއް ފެނުނުކަމުގައި ވީނަމަވެސް އަމަލު ކުރާނެ އުސޫލެއް ވަނީ ގާއިމުކުރެވިފައިކަމެވެ. އެގޮތުން 2017 އަދި 2018 ވަނަ އަހަރު ހިމަ ބިހީގެ ކޭސްތައް ރިޕޯޓުކުރެވުމުން މިއުސޫލުގެ ދަށުން ކަންތައް ކުރެވެމުން ދިޔަކަމަށް ފާހަގަ ކުރެއްވިއެވެ.
"މީގެ ތެރެއިން އެންމެ ފުރަތަމަ ކުރާ ކަމަކީ އެއްވެސް މީހެއްގެ އަލާމާތެއް ހުރިއްޔާ، ހުން އައިސް ހަމުގައި ފެން ނުލާ ބިހިތަކެއް ނަގައިފިއްޔާ އެމީހަކު މީސަލްސް އަދި ރުބެއްލާއަށް ޓެސްޓުކުރުން" ޑރ. ފާތިމަތު ނަޒްލާ ވިދާޅުވިއެވެ.
މިއަލާމާތްތައް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދާ، ކުޑަ ކުއްޖެއްނަމަ ސްކޫލަށް ނުފޮނުވާ، ބޮޑު މީހެއްނަމަ ވަޒީފާއަށް ނުދިއުމަށް އެޗްޕީއޭގެ ފަރާތުން އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ބަލި ޖެހޭ ފަރާތްތަކުން ހަމުގައި ބިހި ނަގެމުގެ ހަތަރު ދުވަސް ކުރިންނާއި ހަތަރު ދުވަސް ފަހުން، މި އަށް ދުވަހުގެ މުއްދަތަކީ އެހެން މީހުންނަށް ބަލި ފެތުރުމުގެ މުއްދަތުކަން ޑރ. ފާތިމަތު ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ. ފާތިމަތު ނަޒްލާ އިތުރަށް ވިދާޅުވީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލި ޖެހުނު މީހަކަށް "އެކްސްޕޯޒްވި" ފަރާތްތަކާއި ބަލިޖެހުނު ފަރާތް ދިރިއުޅޭ ތަން ވަށާ އުޅޭ މީހުން ވެކްސިން ޖަހާފަތޯ ޔަޤީންކޮށް ނުޖަހާ ހުރިނަމަ ވެކްސިން ދިނުމުގެ މަސައްކަތް ކުރުމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ވަރަށް ސީރިއަސްކޮށް މިކަންތައް ބަލަމުން ގެންދާ ކަމެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިތުރުން ޔުނިސެފް އަދި މޯލްޑިވްސް ރެޑް ކްރެޒެންޓްވެސް ހިމެނިގެން ހުރިހާ ފަރާތްތަކެއްގެ ދައުރު އޮވެގެން މަސައްކަތް ކުރައްވާ ކަމަށް ފާހަގަ ކުރެއްވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)