މަރްޔަމް ޢަދީލާ
ޝާއިޢު ކުރީ: 06/01/2020
Internal Medicine Kulhudhuffushi Regional Hospital Ministry of Health Dr Mohamed Nazeef Kulhudhuffushiފެށިގެން ކުރިއަށްމިދާ 2020 ވަނަ އަހަރުވެފައި މިވަނީ ހދ. ކުޅުދުއްފުއްޓަށް އެތައް ގޮތަކުން ފާގަތި އަހަރަކަށެވެ. މި ސަރުކާރުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު، މިއަދުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދާއިމީކޮށް މަސައްކަތްކުރާ ފުރަތަމަ ދިވެހި ފިޒިޝަން ބަލިމީހުން ބައްލަވަން ފައްޓަވާފަ އެވެ.
އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްބީބީއެސް އަދި އެމްޑީ ހާސިލްކުރައްވާފައިވާ ޑރ. މުހައްމަދު ނަޒީފް މެޑިކަލް ހަޔާތް ފައްޓަވާފައިވަނީ ޗައިނާގެ ޑާލިއަން މެޑިކަލް ޔުނިވަރސިޓީ އިންނެވެ. އަދި އޭގެފަހުގައި ނޭޕާލްގެ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިސްއިން ތައުލީމް ހާސިލްކުރައްވާފައިވާ، ޑރ. ނަޒީފް ވަނީ އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ބ. ގޮއިދޫއަށް އުފަން ޑރ. ނަޒީފް ވިދާޅުވިގޮތުގައި ރަށަށް ހިދުމަތްކުރެއްވުމަކީ އަބަދުވެސް އެބޭފުޅާ ދެކެމުންދާ ހުވަފެނެކެވެ. އެހެންނަމަވެސް ގޮއިދޫގައި ސިއްހީ މަރުކަޒެއް ހުރުމުގެ ސަބަބުން ޑރ. ނަޒީފްއަށް އެ ފުރުސަތު ލިބިނުލެއްވި ނަމަވެސް، އަމިއްލަ އެދުމުގެ މަތިން ހެލްތް މިނިސްޓްރީއިން ޑރ. ނަޒީފްއަށް ވަނީ އެބޭފުޅާގެ އަނބިކަބަލުންގެ ރަށްކަމަށްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ޓްރާންސްފާ ކޮށްދެއްވާފަ އެވެ.
"ހެލްތް މިނިސްޓްރީގެ ވިސްނުން ހުރިގޮތް ވަރަށް ރަނގަޅު. އެއީ އަޅުގަނޑުމެންގެ ރިކުއެސްޓްތަކަށް ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑުމެންނަށް ކަންތައްތައް ކޮށްދެއްވަމުން ދަނީ." ކުޅުދުއްފުށީގެ ފުރަތަމަ ދިވެހި ފިޒިޝަން ޑރ. ނަޒީފް ވިދާޅުވި އެވެ.
ޑރ. ނަޒީފް ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީފައިވުމުން އެ ރަށަށް އަންނަ ތަރައްޤީގެ އެންމެ ބޮޑު ރޯލެއް އަދާކުރާނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ކަމަށެވެ. ހާއްސަކޮށް ކުރުމުއްދަތެއްގެ ތެރޭގައި އެރަށުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރެވޭނެކަމުގެ އުއްމީދު ލިބިފައިވާއިރު، ހޮސްޕިޓަލްއަށް ހުރިހާ ޑިޕާޓްމެންޓްތަކެއްގެ ޑޮކްޓަރުންވެސް ބޭނުންވާކަމަށް ޑރ. ނަޒީފް ވަނީ ވިދާޅުވެފަ އެވެ. އަދި އިންޓާނަލް މެޑިސިންއަކީ ވަރަށް ގިނަ ބަލިމީހުންނަށް ބޭނުންވާ ބައެއްކަން ފާހަގަކޮށް އެކަމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެ ހޮސްޕިޓަލުން މިހާރުވެސް ލިބެންހުރިކަން ޑރ. ނަޒީފް ވަނީ ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ގިނަ ޒުވާނުން މެޑިސިންގެ ދާއިރާއިން ތައުލީމް ހާސިލްކުރި ނަމަވެސް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބަދަލުގައި މާލޭ ސަރަހައްދުން ވަޒީފާގެ ފުރުސަތު ހޯދާ އެއް ސަބަބަކީ ގިނަ ރަށްރަށުގައި އެ ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާދެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމްވެފައި ނެތުންކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ޑރ. ނަޒީފް ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ އިތުރުން ޑރ. ނަޒީފް ވަނީ ދިވެހި ޑޮކްޓަރުންގެ ކިބައިން ރަށްރަށަށް އައިސް އެރަށްރަށަށް ހިދުމަތް ފޯރުކޮށްދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރުގައި ވެސް މަސައްކަތްކުރައްވާފައިވާ ޑރ. ނަޒީފް ވިދާޅުވީ އެބޭފުޅާގެ މިހާރު އެންމެ ބޮޑު އުއްމީދަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިންޓާނަލް މެޑިސިންއަށް ހާއްސަ ޑިޕާޓްމަންޓެއް އުފެއްދުން ކަމަށެވެ. އަދި މިފަދަ ޑިޕާޓްމެންޓްތަކުގައި ޑޮކްޓަރުންގެ ޓީމެއް ތިބޭނެކަމާއި އަދި އޭގެ ސަބަބުން ދެވޭ ފަރުވާގެ ކޮލިޓީވެސް ރަނގަޅުވާނޭ ކަމަށް ޑރ. ނަޒީފް ވަނީ ވިދާޅުވެފަ އެވެ.
"ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފުދޭވަރަކަށް ގިނަ ސްޕެޝަލިސްޓުން އެބަތިއްބެވި. އެހެންކަމުން ހޮސްޕިޓަލެއް މިސާލަކަށް އެންމެ ފުރިހަމަކޮށް ހިނގާނީ ހުރިހާ ސްޕެޝަލިޓީސްތައް އެއްވެގެން. މިސާލަކަށް އެއްބަލި މީހަކު ދައްކަން ޖެހިދާނެ އެކި ސްޕެޝަލިޓީއަށް. އެހެންކަމުން ޓީމެއް ގޮތަށް މަސައްކަތް ކޮށްފިއްޔާ ދެވޭ ފަރުވާ ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ."
ޑރ. ނަޒީފް ވިދާޅުވީ އިއްޔެ އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެބޭފުޅާ ބަލިމީހުން ބެއްލެވި ފުރަތަމަ ދުވަސް ނަމަވެސް، އެ ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
ކުޅުދުއްފުށީއަށް ސިޓީގެ ދަރަޖަ ދީފައިވާއިރު، މި ބަދަލާއެކު މުސްތަގްބަލްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ޓާޝަރީ ފެންވަރުގެ ހިދުމަތްވެސް ލިބޭނެއެވެ. މިހާރުވެސް ސީޓީ ސްކޭން އާއި ކާޑިއެކްގެ ހިދުމަތައް ފޯރުކޮށްދޭ މި ހޮސްޕިޓަލްގައި ޖުމްލަ 34 ޑޮކްޓަރުން ހަރަކާތެރިވެއެވެ. އަދި އޭގެ ތެރެއިން 2 ޑޮކްޓަރުންނަކީ ދިވެހި ޑޮކްޓަރުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)