މިފެށޭ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުންފެށިގެން ފޮޓޯޖެހި އިންޒާރަކާއި ނުލައި ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދު" (ނަންބަރު 2019/R-158) ގެ ދަށުން ޑިސެމްބަރު މަހުން ފެށިގެން ފޮޓޯޖެހި އިންޒާރަކާއި ނުލައި ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނޭ ކަމަށެވެ.
މީގެކުރިންވެސް ރާއްޖޭގެ ބައެއް ފިހާރަތަކުން ގެންދަނީ ފޮޓޯޖެހި އިންޒާރާއެކު ދުންފަތުގެ ބާވަތްތައް ވިއްކަމުންނެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އިންޒާރުގެ ފޮޓޯ ޖަހައިގެން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރާގޮތަށް ވަނީ އަމަލުކުރަން ފަށާފައެވެ.
އެޗްޕީއޭ އިން މި ގޮތަށް އިއުލާނުކޮށްފައިވީ ނަމަވެސް، ރާއްޖެގެ ދުންފަތް ވިއްކުމާއި ގުޅޭ ޤަވާއިދުގައި މިހާރުވެސް ވަކިން ސިގިރޭޓް ވިއްކުން އޮތީ މަނާކޮށްފައެވެ. އަދި ދާދިފަހުން ފަހުން ވަނީ ސިގިރޭޓުން ނަގާ ޑިއުޓީ ވެސް ބޮޑުކޮށްފަ އެވެ.
މިއީ ސިގިރޭޓުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރަން އެޅޭ މުހިއްމު ފިޔަވަޅުތަކެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)