ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނުން އަހަރަކަށްވުރެ ގިނަ ދުވަހަށް ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭނެ ކަމަށް އުއްމީދު ކުރާކަމަށް ބައޯޓެކްނޮލޮޖީ ކުންފުނި މޮޑަރނާއިން ބުނެފި އެވެ.
މިހެން ބުނެފައި ވަނީ ޖޭޕީ މޯރގަންގެ 39ވަނަ އަހަރީ ހެލްތް ކޮންފަރެންސްގައި މޮޑަރނާގެ ޗީފް މެޑިކަލް އޮފިސަރ ޓަލް ޒެކްސް އެވެ. މޮޑަރނާ ވެކްސިން އަކީ ފައިޒާ ވެކްސިނަށްފަހު އެމެރިކާގެ ފުޑް އެންދް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަދިން ދެވަނަ ވެކްސިނެވެ.
ޒެކް ބުނިގޮތުގައި ކޮވިޑް-19 ވެކްސިންގެ ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓަރ ޑޯޒެއް އުފެއްދުމަށް އެ ކުންފުނިން މިހާރު ދަނީ ވިސްނަމުންނެވެ. އަދި ތިން ވަނަ ޑޯޒަކުން ރައްކާތެރިވާ މުއްދަތު އިތުރުވާނޭ ކަމަށް ވަނީ ބުނެފަ އެވެ.
މިހާރު ދެމުންގެންދާ ކޮވިޑް-19 ވެކްސިނުގައި ހިމެނެނީ ޖުމްލަ ދެ ޑޯޒެވެ. މަހެއް ކުރިން ދޭން ފެށި ވެކްސިންގައި ދެ ޑޯޒް ހިމަނާފައިވަނީ ވެކްސިނުން ރައްކާތެރިކަން ލިބޭނެ މުއްދަތެއް ޔަގީންނުވާތީ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)