ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ބަލި (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނަށް އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ރުހުން ދީފައި ވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ވެކްސިން ޑޯޒް ކަށަވަރު ކުރުމުގެ ރޭހުގައި މުއްސަނދި ގައުމުތަކުން ސްޓޮކް ޖަމާ ކުރަމުން ދާއިރު، އަސްޓްރާޒެނީކާއިން ވަނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އެތައް ސަތޭކަ މިލިއަން ޑޯޒެއް ފޯރުކޮށްދިނުމަށް ވައުދުވެފައެވެ. އަދި މަންފާ ނުލިބޭ އުސޫލުން ގައުމުތަކަށް ވެކްސިން ފޯރު ކޮށްދޭނެ ކަމަށްވެސް އަސްޓްރާޒެނީކާއިން ވަނީ ބުނެފައެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށް، ގައުމުތަކުން ރުހުން ދީފައި ވާ ވެކްސިންތަކަށް ބަލާއިރު އަސްޓްރާޒެނީކާގެ ވެކްސިނަކީ ޖުމުލަ ގޮތެއްގައި އަގުހެޔޮ ވެކްސިނެކެވެ. އަދި މިއީ އެއްތަނުން އަނެއް ތަނަށް އުފުލާ ހަދަން ފަސޭހަ ވެކްސިނެއް ކަމަށްވެސް ބުނެވެއެވެ. އަސްޓްރާޒެނީކާއާ ވާދަ ކުރާ ވެކްސިން ބްރޭންޑްތަކަކީ އިންތިހާ ފިނި މިނުގައި އުފުލާ، ރައްކާކުރަން ޖެހޭ ވެކްސިންތަކެކެވެ.
އަސްޓްރާޒެނީކާގެ ވެކްސިނަކީ 2 ޑިގްރީ ސެލްސިއަސްއާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފުރިޖެއްގައި 6 މަހެއްހާ ދުވަހަށް ރައްކާ ކުރެވޭ ވެކްސިނެކެވެ. މޮޑާނާގެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 30 ދުވަހެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު، ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 5 ދުވަހެވެ.
މޮޑާނާއާއި ފައިޒާގެ ވެކްސިންތަކާ ހިލާފަށް އަސްޓްރާޒެނީކާގެ ވެކްސިން ތަރައްގީ ކޮށްފައި ވަނީ ކޮރޯނާވައިރަހުގެ ޖެނެޓިކް އެތިކޮޅުތަކެއް ހަށިގަނޑުގެ ތެރެއަށް ފޯރުކޮށްދޭ އެޑިނޯވައިރަސް ބޭނުން ކޮށްގެންނެވެ.
މި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކޮށް، އާންމު އުސޫލުން ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ، ވެކްސިނެއް ބޭނުން ކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކޮވިޑް-19އަށް އިތުރު ވެކްސިންތަކެއްވެސް ދަނީ ތަރައްގީ ކުރަމުންނެވެ. އޭގެ ތެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނާއި ރަޝިއާގެ "ސްޕަޓްނިކް-5" ވެކްސިން ފާހަގަ ކުރެވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)