ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ޕޭޝްވަރުގެ ގައި ހުންނަ އެ ޤައުމުގެ ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން އޮކްސިޖަން މަދުވެގެން މިހާތަނަށް ކޮވިޑް-19 ޖެހުނު 6 މީހަކު މަރުވެއްޖެ އެވެ.
ހަބަރުތަކުން ބުނާގޮތުގައި އޮކްސިޖަން ލިބުން ލަސްވެގެން 200 ބަލިމީހުން ވަނީ އޮކްސިޖަނާއި ނުލައި ގަޑިއެއްގެ އިރު ހޭދަކޮށްފަ އެވެ. އަދި އެވަގުތު އޮކްސިޖަން ނުލިބިގެން ވަނީ 6 ބަލި މީހަކު މަރުވެފަ އެވެ.
އޮކްސިޖަން ނުލިބުމާއި ގުޅިގެން ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޮކްސިޖަން ޑެލިވަރި ކުރާ ކުންފުނިން ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ހޮސްޕިޓަލުގެ ބައެއް ސްޓާފުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ޕާކިސްތާނުން މިހާރު ދަނީ ކޮރޯނާވައިރަހުގެ ދެވަނަ ރާޅަކާއި ހަނގުރާމަ ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ ޤައުމުން ވަނީ 400،000 މީހުން ޕޮޒިޓިވްވެ، 8000 މީހުން މަރުވެފަ އެވެ.
ނޫސްތަކުން އޮކްސިޖަން ޑެލިވަރީ ކުރާ ކުންފުންޏާއި ހަވާލާދީ ބުނެފައިވަނީ އޮކްސިޖަން ޑެލިވަރީ ކުރުން ލަސްވީ ވެންޓިލޭޓަރަށް އޮތް ޑިމާންޑް ބޮޑުވުމުން ކަމަށެވެ.
އަދި އޮކްސިޖަން ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓަލްގެ ގިނަ ބަލިމީހުން އަދިވެސް ތިބީ ސީރިޔަސް ހާލަތެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
އޮކްސިޖަން ނުލިބިގެން ކޮވިޑް ބަލީގެ ގިނަ މީހުން މަރުވި މައްސަލަ ޕާކިސްތާން ސަރުކާރުން މިހާރު ދަނީ ސީރިޔަސް މައްސަލައެއްގެ ގޮތުަގައި ބަލަމުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)