ފާރމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ފައިޒާ ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން ޓްރަޔަލްގެ ނަތީޖާ ކާމިޔާބުވެ، ވެކްސިން ކާމިޔާބުވާނޭ ކަމުގެ އުއްމީދު އާވެއްޖެ އެވެ.
ފައިޒާގެ ޗެއާމަން އަދި ޗީފް އެގްޒެކްޓިވް އަލްބަރޓް ބޯރލާ އާއި ފައިޒާގެ ޕާރޓްނަރ ބައޯއެންޓެކް އިން ވަަނީ އެކުންފުނިން އުފައްދާ ކޮވިޑް ވެކްސިނުގެ ތިން ވަނަ މަރުހަލާ އާއި ގުޅޭގޮތުން ބަޔާނެއް ނެރެފަ އެވެ.
މި ބަޔާނުގައި ވާގޮތުން މިހާތަނަށް ކުރިއަށް ދިޔަ ތިން މަރުހަލާއިން މި ވެކްސިން ކޮވިޑް-19އިން ރައްކާތެރިކޮށްދޭނެ ކަމުގެ 90 ޕަސެންޓް ޔަގީންކަން ލިބިފައިވާކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ އާންމު ބަލިތަކުގެ މާހިރެއްކަމަށްވާ ޑރ. އެންތަނީ ފައުޗީ ވަނީ މި ނަތީޖާ އަކީ އަޖައިބުން ފުރިގެންވާ ނަތީޖާއެއް ކަމަށް ބުނެފަ އެވެ. އަދި މިހާ ބޮޑު ޔަގީންކަމެއް ލިބޭނެކަމަށް އެއްވެސް ބަޔަކު އުއްމީދު ކޮށްފައިނުވާ ކަމަށް ޑރ. ފައުޗީ ވަނީ ވިދާޅުވެފަ އެވެ.
ޑރ. ފައުޗީ ވިދާޅުވި ގޮތުގައި އޭނާ މިހާތަނަށް އުއްމީދުކޮށްގެން ހުރީ އެންމެ މަތިންވެސް 70 ނުވަތަ 75 ޕަސެންޓްގެ ޔަގީންކަން އޮތް ނަތީޖާއަކަށް ކަމަށެވެ. އަދި 50 އިންސައްތައިގެ ޔަގީންކަމެއްވެސް ބަލައިގަންނަން ތައްޔާރަށް ހުރިކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ހަމައެހެންމެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސީނިއާރ އެޑްވައިޒަރ ބުރޫސް އައިލްވާރޑް ވެސް ވަނީ ފައިޒާގެ ޓްރަޔަލް ވަރަަށް ޕޮޒިިޓިވްކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ މުޅި ދުނިޔެއަށް ވީ ވައުދު ފުއްދަން ލިބުނު އުއްމީދެއްކަމަށް ވަނީ ވިދާޅުވެފަ އެވެ.
ފައިޒާގެ ވެކްސިން ޓްރަޔަލްގައި ވަނީ އެމެރިކާ އާއި އިތުރު ފަސް ޤައުމަކުން 44،000 މީހުން ބައިވެރިވެފަ އެވެ. އަދި ބައެއް ޕޭޝަންޓުންނަށް ސިދާ ވެކްސިން ދީފައިވާއިރު، އަނެއްބައި މީހުންނަށް ދިރާސާގެ ދަށުން ދީފައިވަނީ ޕްލަސީބޯ އެކެވެ.
އަދި ހަ ގައުމެއްގައި ކުރިއަށް ގެންދިޔަ ޓްރަޔަލުން ވެކްސިނުން ރައްކާތެރިކަމާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ފައިޒާއިން ވަނީ ބުނެފަ އެވެ.
ފައިޒާއިން ބުނިގޮތުގައި އެ ކުންފުނީގެ ވެކްސިންގެ ދެ ޑޯޒެއް، ތިން ހަފުތާގެ ދުރުމިނެއްގައި ދޭން ޖެހެ އެވެ. އެމެރިކާ އާއި ޖަރުމަނާއި ތުރުކީ އާއި ބްރެޒިލް އާއި އާޖެންޓީނާ އާއި ސައުތު އެފްރިކާގައި ކުރިއަށް ގެންދިޔަ އަޖުމަބެލުމުން އެނގުނީ ދެ ވަނަ ޑޯޒް ދޭތާ ހަފުތައެއްގެ ތެރޭގައި 90 ޕަސެންޓް މީހުންނަށް ކޮރޯނާވައިރަހުން ރައްކާތެރިވެވޭ ކަމެވެ.
އެކަމަކު މި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70-80 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާތީ، ވެކްސިން އުފުލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ފައިޒާ ނޫނަސް ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިންތައް މިހާރު އުޅެނީ ތިން ވަނަ މަރުހަލާގެ ޓެސްޓްތަކުގަ އެވެ. އެކަމަކު މިއީ މިފަދަ ނަތީޖާއެއް ލިބުނު ފުރަތަމަ ވެކްސިނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)