ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވިކަން އެނގިއްްޖެނަމަ ދެން ކަންތައް ކުރަންޖެހޭނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ހާލަތެއްގައި ތިމާއަކީ ޑިރެކްޓް ކޮންޓެކްޓް އެކެވެ.
ޑިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގިނަ މީހުންގެ ފުރަތަމަ އަމާޒަކަށް ވަނީ އަވަހަށް ކޮވިޑް-19 އަށް ޓެސްޓު ކުރުމެވެ. އަދި ޓެސްޓުގެ ނަތީޖާ ނެގަޓިވް ވެއްޖެނަމަ އަނެއްކާވެސް މުޖުތަމައު ތެރެއަށް ނުކުމެ އުޅޭތަނަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ.
ނަމަވެސް ދެން އުފެދޭ ސުވާލަކީ ކޮވިޑަށް ނެގަޓިވްވުމުން އެ މީހުން އެތިބީ ސޭފް ޒޯންގައި ތޯ އެވެ؟ މި ސުވާލުގެ ޖަވާބަށް ސިއްހީ އެހީތެރިން ބުނަނީ ކޮވިޑަށް ނެގަޓިވްވި ނަމަވެސް މިއީ އަދި ހައްލެއް ނޫން ކަމަށެވެ.
މި ނަތީޖާ އަކީ ވަގުތީ ނެގަޓިވް ނުވަތަ ފޯލްސް ނެގަޓިވް ނަތީޖާއަކަށް ވެދާނެ އެވެ. މިއީ ކޮވިޑުގެ ފުރަތަމަ ދުވަސްވަރު ގިނަ ބަޔަކަށް ކޮވިޑު ޖެހުމަށް މެދުވެރި އެއް ސަބަބު ވެސް މެއެވެ.
މިހެން ދިމާވަނީ ކޮރޯނާވައިރަސް ހަށިގަނޑުގެ އެތެރެއަށް ވާސިލްވި ނަމަވެސް، ވައިރަހަށް ވަގުތުން ޕޮޒިޓިވްނުވާތީ އެވެ. އެގޮތުން އެމެރިކާގެ ނޯތު ކެރޮލައިނާ ޔުނިވަރސިޓީގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ރޭޗަލް ގްރަހަމް ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސް ހަށިގަނޑަށް ވާސިލްވި ނަމަވެސް ހަށިގަނޑުން ވައިރަސް ދެއްކުމަށް ވަކި މުއްދަތެއް ނަގައެވެ.
"އާންމު އިންކިއުބޭޝަން ޕީރިއަޑަކީ ފަސް ދުވަސް" ކޮލަމްބިއާ ޔުނިވަރސިޓީގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ވަފާ އަލް-ސަދްރް ވިދާޅުވި އެވެ.
އިންކިއުބޭޝަން ޕީރިއަޑަކީ އެ ވައިރަހެއް ހުރި ތަނަކަށް ދިޔުމަށްފަހު، ނުވަތަ ތަނެއްގައި އަތްލެވި ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު، ބަލި ފާޅުވާން ނަގާ މުއްދަތެވެ. މި މުއްދަތުގެ ތެރޭގައި ބައެއް މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައްވެސް ފެނެއެވެ. އެގޮތުން މަދުވެގެން 2 ދުވަސް އަދި ގިނަވެގެން 14 ދުވަސް އިންކިއުބޭޝަން ޕީރިއަޑްގެ ގޮތުގައި ބަލައެވެ.
ގްރަހަމް ވިދާޅުވި ގޮތުގައި ނޭވާގެ ޒަރިއްޔާއިން މި ޖަރާސީމު ހަށިގަނޑުގެ އެތެރެއަށް ވާސިލްވި ނަމަވެސް، ނޭފަތުގެ އެތެރެއަށް ދާ ހިސާބުން މި ވައިރަސް އޭގެ ޒާތުގައި ގިނަވެއެވެ. އެހެންކަމުން ފުރަތަމަ ދުވަސްވަރު ދެނެގަތުމަށް އުނދަގޫވާކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.
ސަބަބަކީ ނޭފަތުން ފުއްޕާމެއަށް ވައިރަސް ދަތުރުކުރުމަށް ދުވަސްކޮޅެއް ނަގާތީ އެވެ. އަދި މި ވައިރަހުގެ އަސަރު ބޮޑަށް ހުންނާނީ ނޭފަތާއި ކަރުގައި ކަމަށް އޭނާވަނީ ބުނެފައެވެ. ކޮވިޑު ޓެސްޓު ހެދުމަށް މި ތަންތަނުން ސާމްޕަލް ނަގަނީވެސް ފަސޭހައިން ނަތީޖާ ހޯދުމަށެވެ.
އަނެއްކަމަކީ އިންކިއުބޭޝަން ޕީރިއަޑު ބިނާވަނީ އެމީހެއްގެ ދުޅަހެޔޮކަމާއި އަދި ހާލަތަށް ބިނާކޮށެވެ. އެގޮތުން އަވަހަށް ބަލިވާ މީހެއްނަމަ މިފަދަ ވައިރަސްތަކުގެ އަސަރު އަވަހަށް ފެންނާނޭކަމަށް އޭނާ ވިދާޅުވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)