ކޮވިޑް-19 ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ހެލްތް އެޖެންސީއިން ވެކްސިން އެންޑޯޒް ނުކުރާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ)ގެ ހެޑް ޓެޑްރޮސް އަދަނޮމް ގެބްރިޔެސުސް ވިދާޅުވެއްޖެ އެވެ.
ޓެޑްރޮސް މިހެން ވިދާޅުވެފައި މިވަނީ ވެކްސިނާއި ގުޅޭ ބޮޑު ދިރާސާ ނުނިމެނީސް ޗައިނާ އާއި ރަޝިޔާއިން އެކްސްޕެރިމެންޓަލް ވެކްސިން ދޭން ފަށާފައި ވަނިކޮށެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޮސް ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ވެސް ކާމިޔާބު ކަމާއެކު ބައެއް ވެކްސިންތައް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ވެކްސިން ތަކުގެ އެހީގައި ހިމަބހި ފަދަ ބަލިތައް ނައްތާލެވިފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
އެހެންނަމަވެސް އަވަސް އަރުވާލައިގެން ނެރޭ ވެކްސިންތަކަށް ޑަބްލިއުއެޗްއޯ އިން އެންޑޯޒްމަންޓެއް ނުދޭނެ ކަމަށް ޓެޑްރޮސް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ދާދިފަހުން އުފެއްދި އެބޯލާ ވެކްސިންގެ ސަބަބުން ކޮންގޯގައި ފެތުރެމުން ދިޔަ ނުރައްކާތެރި އެބޯލާ ބަލިވެސް ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ވެކްސިނާއި ދެކޮޅަށް އަދިވެސް އަޑުއުފުލާ ގިނަ ބަޔަކު ތިބިކަން ފާހަގަކޮށް ޓެޑްރޮސް ވަނީ އެފަދަ މީހުން ވެކްސިނާއި ގުޅިގެން އަދިވެސް އިތުރަށް ދިރާސާ ކުރުމަށް އެދިފަ އެވެ.
އިންސާނުން ބޭނުންކޮށްގެން މިހާތަނަށް ވަނީ 30 އަށް ވުރެ ގިނަ ކޮރޯނާވައިރަސް ވެކްސިން ޓެސްޓްކޮށްފަ އެވެ. އޭގެ ތެރޭން އަށް ވެކްސިން މިހާރު ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ. އަދި ޑަބްލިއުއެޗްއޯ އިން އުއްމީދު ކުރަނީ މިހާރު ތިން ވަނަ ފޭހުގައިވާ ވެކްސިންތަކުގެ ނަތީޖާ އަހަރު ނިމުމުގެ ކުރިން ފެންނާނެ ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)