ރާއްޖޭގައި ކޮވިޑުގެ އެކްޓިވް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް އުފުލިއްޖެ
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެ މިހާތަނަށް ބަލިން ރަނގަޅުނުވެ ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އިއްޔެ ރެކޯޑް މިންވަރަކަށް އަރައިފި އެވެ.
އިއްޔެގެ ނިޔަލަށް ރާއްޖެއިން 3950 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ބަލިން ފަސޭހަ ނުވެ ނުވަތަ އެކްޓިވް ކޭސްތަކުގެ ގޮތުގައި 1305 މީހުން އެބަ ތިއްބެވެ. އެއީ ބަލިން ރަނގަޅުވި މީހުންނާއި ބަލީގައި މަރުވި މީހުންނާއި ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާ ބިދޭސީން އުނިކުރުމުން އަންނަ އަދަދެވެ.
ރާއްޖޭގައި ބަލި ޖެހުނު ފަހުން މިހާތަނަށް 15 ބިދޭސީއަކު ފުރައިގެން ގޮސްފައިވެ އެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި މި މީހުންނެއް ނުހިމަނަ އެވެ. ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 17 މީހަކު ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2,613 އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މީގެ ކުރިން އެކްޓިވް ކޭސްތައް އެންމެ ގިނަވީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން އެދުވަހު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1213 އެވެ. ނަމަވެސް ޖުލައި މަހުގެ މެދެއްހާ ހިސާބަށް އައިއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 800 އިން ތިރީގައެވެ.
މީގެ އިތުރުން އިއްޔެ އަކީ އެންމެ ގިނަ ދިވެހިން ވެސް ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި 156 މީހުންގެ ތެރެއިން 134 މީހުންނަކީ ދިވެހިިންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)