ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 3،000 އިން މައްޗަށް ހިނގައްޖެއެވެ.
ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 136 ދުވަސްވީއެވެ. މިފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް 45 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 3،044 އަށް އަރައިފައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ޕޮޒިޓިވްވި 45 ކޭހުގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުންގެ އިތުރުން އިންޑިއާގެ ދެ މީހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3,044 އަށް އަރާފައެވެ. އެމީހުންގެ ތެރެއިން 2،397 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 28 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެތެ. އެގައުމުގެ 1383 މީހުން ޕޮޒިޓިވް ވެފައިވާއިރު 1313 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން 251 އިންޑިއާ މީހަކުވެސް ރާއްޖެއިން ބައްޔަށް ޕޮޒިޓވް ވެފައިވެއެވެ.
ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)