އިމާރާތްތަކުގެ އެތެރޭގައި ވައިގެ ޒަރިއްޔާއިން އެކަކު ގައިން އަނެކެއްގެ ގަޔަށް ކޮރޯނާވައިރަސް ފެތުރިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
މީގެ ކުރިން މިޖަމިއްޔާއިން ވަނީ މިގޮތަށް ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ބުނެފައެވެ. އަދި މިގޮތަށް ފެތުރުން އެކަށީގެންވަނީ ބަލިމީހުންނަށް ދެވޭ ސިއްހީ ފަރުވާގެ ތެރޭގައި އެކަނި ކަމަށްވެސް އެޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.
ނަމަވެސް ދާދި ފަހުން ޝާއިއު ކުރެވުނު ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވައިގެ ޒަރިއްޔާއިން ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑެވެ. މިދިޔަ ހަފްތާގެ ތެރޭގައި 200 އަށް ވުރެ ގިނަ ސައިންސްވެރިންވަނީ މިފަދަ ދިރާސާތަކަށް ސަމާލުކަންދީ ފިޔަވަޅު އެޅުމަށް ޑަބްލިޔުއެޗްއޯ އަށް ގޮވާލާފައެވެ.
މީގެ އިތުރުން، ޑަބްލިޔުއެޗްއޯ އިން ނެރުނު އައު ބަޔާނެއްގައި ވަނީ އަލާމާތްތައް ނުހުންނަ މީހުންގެ ފަރާތުން ވައިރަސް ފެތުރޭނެކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ "ބަލީގެ އަލާމާތްތައް ހުއްޓަސް އަދި ނެތަސް ބަލިމީހެއްގެ ފަރާތުން ކޮރޯނާވައިރަސް ފެތުރޭނެ" ކަމަށެވެ.
މީގެ ކުރިން ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ އަލާމާތެއް ނެތް މީހެއްގެ ފަރާތުން ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ.
އިމާރާތްތަކުގެ އެތެރޭގައި ވައިގެ ޒަރިއްޔާއިން ވައިރަސް ފެތުރިދާނެކަމަށް ޑަބްލިޔުއެޗްއޯ އިން ބުނުމަކީ ފަހުގެ ދިރާސާތަކަށް އެޖަމިއްޔާއިން ސަމާލުކަން ދޭކަމުގެ ހެއްކެއްކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ. ނަމަވެސް ޑަބްލިޔުއެޗްއޯ އިން އިތުރު ތަހުލީލުތައް ކުރިއަށް ގެންދިޔުމަށްވެސް ސައިންސްވެރިން ގޮވާލައެވެ.
ޑަބްލިޔުއެޗްއޯ އިން ވައިރަސް ފެތުރޭ ގޮތާއި މެދު މައުލޫމާތު ދެމުން ބުނެފައިވަނީ، އޮރޮސޮލްގެ ގޮތުގައި ވައިރަސް ފެތުރުމުގެ ނަތީޖާއެއްގެ ގޮތުން ރެސްޓޯރަންޓް، ނައިޓްކްލަބް، އަޅުކަން ކުރާ ތަންތަން އަދި މަސައްކަތް ކުރާ އިމާރާތްތަކުގެ ތެރެއިން އައުޓްބްރޭކްތައް ފެނިފައިވާ ކަމަށެވެ. މިފަދަ ތަންތަނުގެ ތެރޭގައި މީހުން ހަޅޭއްލަވާ، ވާހަކަދައްކާ އަދި ލަވަކިޔާކަން އެޖަމިއްޔާއިން ފާހަގަކުރިއެވެ. އެރޮސޮލް އަކީ ވައިގެ ތެރޭ ހިފެހެއްޓިފައި ހުންނަ ކުދި ތިކިތަކަށް ކިޔާ ނަމެވެ.
ނަމަވެސް ޑަބްލިޔުއެޗްއޯ އިން އަދިވެސް އިތުރު ސަމާލުކަމެއް ދީފައިވަނީ ކިނބިހި އެޅުމާއި ކެއްސުމުގެ ސަބަބުން އަދި ވައިރަސް ހުރި ތަނެއްގައި އަތް ލެވުމުން ކޮރޯނާވައިރަސް ފެތުރޭ ގޮތާއި މެދުއެވެ. އެޖަމިއްޔާއިން މީގެ ކުރިން ނެރުނު ދިރާސާއެއްގައި ބުނެފައިވަނީ އެކަކު ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފެތުރިފައި ހުރީ ކުރިން ބުނެވުނު ތިން ގޮތުން ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބަލިމީހުންނާއި ދުރުގައި ހުރުމާއި، ގިނަގިނައިން އަތް ދޮވުމުގެ އިތުރުން، ގިނައިން މީހުން އެއްވާ ގައިގޯޅިވާ ތަންތަނަށް ނުދިޔުމާއި، ވެންޓިލޭޝަން ނެތް ބަންދުކޮށްފައިވާ ތަންތަނަށް ނުދިޔުމަށްވެސް ޑަބްލިޔުއެޗްއޯ އިން ނަސޭހަތްތެރިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)