ފަޤީރު ޤައުމުތަކުގައި އޮކްސިޖަންގެ އިންތިޒާރުގައި ތިއްބައި އެތައް ފުރާނައެއް ގެއްލިގެން ދަނީ
ކޮރޯނާވައިރަސް ޕެންޑަމިކްގެ ރާޅު ނާޒުކު ސިއްހީ ނިޒާމެއް އޮތް ދަށްފަންތީގެ ޤައުމަތަކަށް ބިންދާލުމާއެކު، ދުނިޔޭގެ ހެލްތް އޮތޯރިޓީތަކުގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ އެންމެ ފަސޭހައިން ދެވޭ އަދި ފުރާނަ ސަލާމަތްކުރެވޭ ފަރުވާތައް އެފަދަ ޤައުމުތަކުގައި ފޯރުކޮށްދިނުމެވެ. އެއީ އޮކްސިޖަނެވެ.
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު ގިނަ ބަޔަކު ވަނީ ވައިރަހުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައެވެ. އަދި މިފަދަ ހާލަތްތަކުގައި ބަލިވާ މީހުންނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައި އޮތީވެސް ނޭވާލުމަށެވެ.
އެހެންނަމަވެސް ފެށުނު ދުވަސްވަރާއި ހިލާފަށް ވައިރަސްގެ ނުރައްކާ މިވަނީ ބޮޑުވެފަ އެވެ. ދެކުނު އޭޝިޔާއިން ފެށިގެން ލެޓިން އެމެރިކާ އަދި އެފްރިކާގެ ގިނަ ހިސާބުތަކަކަށް ކޮރޯނާވައިރަސް ވަނީ ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށް ފެތުރިފައެވެ.
މި ސަރަހައްދުތަކަކީ ފަގީރު އަދި ވަސީލަތްތައް މަދު ގިނަ ޤައުމުތަކެއް ހިމެނޭ ސަރަހައްދުތަކެކެވެ. އެހެންކަމުން އާދަޔާހިލާފަށް ބާރު ސްޕީޑްގައި މި ޤައުމުތަކުގައި ވައިރަސް ފެތުރުމުގެ ނަތީޖާއަކަށް ވެފައިވަނީ ލިބިފައިވާ މަދު ވެންޓިލޭޓަރުތަކާއި އޮކްސިޖަން ޓޭންކު ތަކާއި އަދި އެހެނިހެން މަދު ވަސީލަތްތަކުގެ ސަބަބުން ވައިރަސްޖެހި ފުއްޕާމޭ ފެއިލްވާ މީހުންގެ އަދަދު އިތުރުވުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އުއްމީދަކީ މިފަދަ ފަޤީރު ޤައުމުތަކަށް ބޭނުންވާ އޮކްސިޖަން އިތުރުކޮށް ފޯރުކޮށް ދިނުމަށްޓަކައި މަދުވެގެން 250 ޑޮލަރުގެ ފަންޑެއް ހޯދުމެވެ. މިކަމަށްޓަކައި ދަ ވޯލްޑް ބޭންކާއި އަދި އެފްރިކަން ޔޫނިއަން އިން ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއް ދޭން ނިންމާފައިވާއިރު، ބައެއް ސިއްހީ އެހީފޯރުކޮށްދޭ ފަރާތްތަކުން ދަނީ މިކަމަށް ބޭނުންވާ ޑޮނޭޝަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކޮށްފައިވާގޮތުގައި ހަފްތާއެއްގެ މައްޗަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އަލަށް މިލިޔަނެއްހާ މީހުން ވައިރަހަށް ޕޮޒިޓިވްވެއެވެ. އަދި ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ހަފްތާއެއްގެ ތެރޭގައި 88،000 ބޮޑެތި ސިލިންޑަރުގެ އޮކްސިޖަން ހޭދަވެއެވެ.
ނަމަވެސް ނަސީބު ދިމާކުރިގޮތުން 2017 ވަނަ އަހަރު ޑަބްލިޔުއެޗްއޯ، ޔުނިސެފާއި ދަ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި ގުޅިގެން ވަނީ ދަށް އަދި މެދުފަންތީގެ ޤައުމުތަކަށް އޮކްސިޖަން ފޯރުކޮށްދޭނެގޮތްތަކެއް ހޯދާބަލަން ފަށާފައެވެ. މިއީ މިފަދަ ޕެންޑަމިކް އަކަށް ތައްޔާރުވުމުގެ ގޮތުން ފެށި މަސައްކަތެއް ނޫނެވެ. އެހެންނަމަވެސް މި މަސައްކަތުގެ މަގްސަދަކީ ނިއުމޯނިއާ ޖެހިގެން މަރުވާ އުމުރުނުފުރާ ވިހާ ކުދިންނާއި ކުޑަކުދިންނަށް އޮކްސިޖަން ދީގެން، ފުރާނަ ސަލާމަތްކުރުމެވެ.
ޑަބްލިޔުއެޗްއޯއިން މިހާތަނަށް ވަނީ 14،000 އޮކްސިޖަން ކޮންސެންޓްރޭޓަރ ގަނެފައެވެ. މިއީ ޖައްވުގައި ހިމެނޭ ވައިން އޮކްސިޖަންއަށް ފިލްޓަރު ކުރާ ކޮންސެންޓްރޭޓަރެ ކެވެ. އެ ޖަމިއްޔާއިން ވަނީ މި ކޮންސެންޓްރޭޓަރުތައް 120 ޤައުމަކަށް ފޮނުވުމަށް ތައްޔާރުވެފަ އެވެ.
މިފަދަ ކޮންސެންޓްރޭޓަރުތައް އެތެރެކުރާ އެޖެންސީއިން ވަނީ ކުރިއަށް އޮތް 6 މަސްދުވަސްތެރޭގައި އިތުރު 170،000 ގަތުމަށް ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 100 މިލިޔަން ޑޮލަރެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރަޔަސިސް މީގެކުރިންވެސް ދުނިޔޭގެ ވިޔަފާރީގެ މާކެޓްއަށް އަމާޒުކޮށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ދުނިޔޭގެ މާކެޓްތަކުގެ 80 އިންސައްތަ ހިއްސާކުރަނީ މަދު ކުންފުނިތަކަކުން ކަމަށާއި އޭގެ ސަބަބުން ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިއަހަރުގެ މެއި މަހުގައި އެލަޔަންސް ފޯރ އިންޓަރނޭޝަލް މެޑިކަލް އެކްޝަން (އަލިމާ)އިން ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ތިބި 123 ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދީފަ އެވެ. އަދި އޭގެތެރެއިން 56 މީހުންނަށް އޮކްސިޖަން ބޭނުންވިއިރު، އެކަށީގެންވާވަރަށް ވަސީލަތްތައް ލިބެންނެތްކަމަށް އެޤައުމުގެ ވެރިރަށް ކިންހާސާގެ ޗެރިޓީ ރިޕްރެޒެންޓޭޓިވްއެއް ކަމަށްވާ ޑރ. ބާވޭޔީ މަޔޫމް ބަރްކާ ވަނީ ވިދާޅުވެފަ އެވެ.
"ނަސީބުދެރަކަމުން 24 ގަޑިއރުގެ ތެރޭގައި 26 މީހުން މަރުވި" ކޮންގޯގެ ތަޖުރިބާ ހިއްސާކުރައްވަމުން ޑރ. ބަރްކާ ވަނީ ވިދާޅުވެފަ އެވެ. ބަރްކާ ވިދާޅުވީ އެންމެން މަރުވީ އޮކްސިޖަން މަދުވެގެންކަމަށް ސީދާ ނުބުނެވޭނެ ކަމަށާއި، ނަމަވެސް އެކަމުގައި އޮކްސިޖަން ނުލިބުންވެސް ބޮޑު ރޯލެއް އަދާކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބަރްކާ ވިދާޅުވިގޮތުގައި އަލިމާއަށް 40 އޮކްސިޖަން ކޮންސެންޓްރޭޓަރސް ބޭނުންވެއެވެ. ނަމަވެސް އެ އެޖެންސީގައި ހުރީ އެންމެ 8 އޮކްސިޖަން ކޮންސެންޓްރޭޓަރެވެ. އަދި އެ ހާލަތުގައި ބަލިމީހުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ގެންދަން ދަތިވުމާއެކު ބައެއް މީހުން މަރުވެފައިވަނީ ނޭވާނުލެވި މަރާއި ހަނގުރާމަ ކުރަމުން ދަނިކޮށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)