ކޮވިޑް-19 ޖެހުމުގެ ފުރުސަތު އެންމެ ކުޑައީ އުމުރުން 20 އަހަރުން ދަށުގެ މީހުންނަށް – ދިރާސާ
ދުނިޔޭގެ އާބާދީގައި ހިމެނޭ އެހެން އުމުރުފުރާތަކުގެ މީހުންނާއި އަޅާބަލާއިރު، އުމުރުން 20 އަހަރުން ދަށުގެ ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ހުސްވި ހަފްތާގެ އަންގާރަ ދުވަހު ޝާއިއުކުރި މި ދިރާސާގައި ވާގޮތުން މި ވައިރަހަށް މިހާތަނަށް ޕޮޒިޓިވްވި ޒުވާން ކުދިންގެ ތެރެއިން ކޮންމެ ފަސް ކުއްޖެއްގެ ތެރެއިން ހަތަރު ކުއްޖަކީ މި ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކުދިންނެވެ.
ނޭޗާ މެޑިސިން ޖާނަލްގައި ޝާއިއުކުރި މި ދިރާސާ ހެދުމަށްޓަކައި ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ މާހިރުން ވަނީ ހަ ޤައުމަކުން ޑާޓާތައް އެއްކޮށްފައެވެ. މި ހަ ޤައުމުގެ ތެރޭގައި ހިމެނެނީ- ޗައިނާ، އިޓަލީ، ޖަޕާން، ސިންގަޕޫރު، ކެނެޑާ އަދި ސައުތު ކޮރެއާއެވެ.
އެއަށްފަހު ކުޑަކުދިންނަށް ބަލިމީހެއްގެ ފަރާތުން ވައިރަސް ޖެހުމާއި، ބަލީގެ ސަބަބުން ނުރައްކާ ބޮޑުވުމުގެ ފުރުސަތު ކުޑަކަމަށް ދިރާސާގެ ބައިވެރިން ހާމަކުރިއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޑަކުދިންގެ ތެރެއިން 84 އިންސައްތަ ކުދިން ބަލިން ރަނގަޅުވެއްޖެ ކަމަށް ހުކުރު ދުވަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.
ނެޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރ، އެންއީއޯސީއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ 18 އަހަރުން ދަށުގެ 133 ކުދިން ތިބި އިރު މީގެ ތެރެއިން 112 ކުއްޖަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މީގެ އިތުރުން އުމުރުން 20 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިން ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް ގިނަ ފަހަރަށް ހަށިގަނޑުން އަލާމާތެއް ނުފެންނަކަމަށް ލަންޑަންގައި ހެދި ދިރާސާގައި ބުނެފައިވެއެވެ.
އެގޮތުން އުމުރުން 10 އަހަރާއި 19 އަހަރާއި ދެމެދުގެ 21 އިންސައްތަ ކުދިން އަލާމާތްތައް ފެނިފައިވާއިރު، އުމުރުން 70އަށްވުރެ މަތީގެ 69 އިންސައްތަ މީހުންގެ ގައިން ވަނީ ކޮވިޑް-19ގެ އަލާމާތްތައް ފެނިފަ އެވެ.
މި ދިރާސާ އާއެކު ޕްރެޝަރުގެ ސަބަބުން ސްކޫލްތަކާއި ކޮލެޖްތައް އަލުން ހުޅުވުމަށް މަޖުބޫރުވެފައިވާ ސަރުކާރުތަކަށް ގޮތް ނިންމުމަށް އިތުރަށް ފަސޭހަވާނޭކަމަށް ވަނީ ދިރާސާވެރިން ގަބޫލުކުރެ އެވެ.
ޔުނެސްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން 190 ގައުމެއްގައި ސްކޫލުތައް ބަންދުކުރުމުގެ ސަބަބުން 1.5 ބިލިއަން ކުދިންނެއް ވަނީ ގޭގައި މަޑުކުރަން މަޖުބޫރުވެފައެވެ. މިއީ ކިޔަވާ އުމުރުފުރައިގެ ކުދިންގެ ތެރެއިން 90 އިންސައްތަ ކުދިންެނެވެ.
ރާއްޖޭގައިވެސް ކުރިއަށް އޮތް މަހު ސްކޫލުތައް ހުޅުވާނެކަމަށް ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން ވަނީ ސަރުކާރުން ދީފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)