ދަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއިން 17 މީހަކަށް ނުރައްކާތެރި އެބޯލާ ވައިރަސް ޖެހިފައިވާއިރު، މިހާތަނަށް އޭގެތެރެއިން 11 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
އެފްރިކާއަށް ނިސްބަތްވާ ކޮންގޯއަކީ މީގެކުރިންވެސް އެބޯލާ އެންމެ ބޮޑަށް ފެތުރުނު ޤައުމެވެ. އަދި މި ބަލީގައި މަރުވެފައިވަނީ އެޤައުމުގެ ވެސްޓަރން ޕްރޮވިންސްއިން ބަލި ޖެހުނު 11 މީހުންކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ހަމައެހެންމެ ސިއްހީ ވުޒާރާތަކުން ވަނީ ހިމަބިހިޖެހިގެން އެފްރިކާއިން މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން މަރުވެ އަދި ކޮވިޑް-19 ޖެހިގެން 112 މީހުން މަރުވެފައިވަނިކޮށް، ހުސްވި ހަފްތާގައި އެކަނިވެސް 12 މީހުން އެބޯލާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮންގޯގެ ބައެއް ހިސާބުތަކުން 2،500 އަށް ވުރެ ގިނަ މީހުންނަށް މިހާރު އެބޯލާ ވެކްސިން ވަނީ ދެވިފައެވެ.
މީގެ 40 އަހަރުކުރިން ފެތުރެންފެށި އެބޯލާ އައުޓްބްރޭކް ފެނިފައިވަނީ ކޮންގޯގައި އޮންނަ އެބޯލާ ނަމަކަށް ކިޔާ ކޯރެއްގެ ކައިރި ހިސާބަކުންނެވެ. އޭގެފަހުގައި މި ވައިރަސްގެ ނުރައްކާ ބޮޑުވެ އެފްރިކާގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ފެތުރިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)