އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/07/2020

ރޭޕް! 29 އަހަރުގެ ހިތްދަތި ތަޖުރިބާ - "އަދިވެސް ވަރަށް ބިރުގަނޭ"

"ވަރަށް މަސައްކަތް ކުރަން. އެކަމަކުވެސް އަދިވެސް ވަރަށް ބިރުގަނޭ"
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/07/2020

Sexual Violence Sexual Assault
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލިޔުންތެރިޔާގެ ބަސް

ޖިންސީ ގޯނާ އާއި ރޭޕް އަކީ އިންސާނަކަށް ގިނަ ގުނަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ކުރިމަތިކުރުވާ ވޭންދެނިވި ތަޖުރިބާއެކެވެ. މިކަމުން ކުރިމަތިވާ އަސަރުތަކާއި ބެހޭގޮތުން ހެދިފައިވާ އެތަކެއް ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ތަޖުރިބާއެއް ކޮށްފައިވާ މީހުން ޑިޕްރެޝަން އާއި އެންޒައިޓީ އަށް ހުށަހެޅި، ނިދުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ޖިސްމާނީ ގޮތުން ބަލާނަމަ، ލޭ މައްޗަށް ދިޔުމާއި، ހަށިގަނޑުގައި "ޓްރައިގްލިސަރައިޑް" ހުންނަ މިންވަރު އިތުރުވެ ހިތުގެ ބަލިތަކާއި ސްޓްރޯކް ގެ ނުރައްކާ ބޮޑުވެއެވެ.

ތިރީގައި ގެންސްދީފައި މިވަނީ ދިވެހިރާއްޖޭގައި ހިނގައިފައިވާ ހަޤީޤީ ވާހަކައެކެވެ.


އުމުރުން 29 އަހަރުގެ ނާދިޔާ (އަސްލު ނަމެއް ނޫން) އަކީ ދެ ކުދިންގެ މަންމަ އެކެވެ. ކައިވެންޏަށް ހަތް އަހަރެވެ. ރަނގަޅު ތައުލީމެއް ލިބި އަދާކުރަމުންދަނީ ރަނގަޅު ވަޒީފާ އެކެވެ.

އެހެންނަމަވެސް މި ހުރިހާ ކަމަކާ އެކުގައިވެސް ބަދަލުނުވީ އެއް ކަމެކެވެ. ހިތުގައި ޖެހިފައި އޮތް ލަކުނެވެ. ދިރިއުޅުމުގެ ކިތަންމެ ގިނަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެ ހިތި ހަނދާންތައް އަދިވެސް ނާދިޔާގެ ހިތުގައި ވެއެވެ.

"އަބަދުވެސް ހަނދާނުގައި ހުރޭ އެ ހާދިސާތައް! ދޭތެރެއަކުން  ސޯޝަލް މީޑިޔާއިން ދެން މި ފެންނަނީ. ފެންނަ ކޮންމެ ފަހަރަކު ވަރަށް ރުޅި ގަދަވޭ، ހިތަށް އުނދަގޫވޭ. އެކަހަލަ ވާހަކައެއް އަޑު އިވިއްޖެޔާ ދެން އެރޭ ނުނިދިގެން އުޅެންޖެހޭނީ."

މިއީ ދިވެހިންގެ ތެރޭގައި ދޭތެރެއަކުން އަޑުއިވޭ "ރޭޕް" ނުވަތަ "ޖިންސީ އަނިޔާގެ" ޝިކާރައަކަށްވި އަންހެނެއްގެ ވާހަކަ އެވެ.

ނާދިޔާ ބުނިގޮތުގައި އޭނާއަށް އެންމެ ފުރަތަމަ މީހަކު ޖިންސީ އަނިޔާ ކުރީ އުމުރުން 7 އަހަރުގަ އެވެ. އޭރު ނާދިޔާ ދިރިއުޅެމުން ދިޔައީ ރާއްޖޭގެ އުތުރުގައި އޮންނަ އޭނާގެ އުފަން ރަށުގައެވެ.

ނާދިޔާއަކީ އާއިލާއެއްގެ 8 ދަރިންގެ ތެރެއިން އެންމެ ހަނގު ކުއްޖާއެވެ. ގާތްގާތުގައި ނާދިޔާގެ މަންމައަށް ދަރިން ލިބި ދިރިއުޅުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުމުން ދަރިންނަށް ދޭންވާ ވަގުތު ހުދު ނާދިޔާގެ މަންމައަކަށް ނުދެވެއެވެ. އެހެންކަމުން ނާދިޔާގެ ގިނަ ވަގުތު ހޭދަކުރަނީ އެކުވެރިންނާއެކު އަތިރިމަތީގަ އެވެ. ތަފާތު ކުޅިވަރުތައް ކުޅުމާއި މޫދަށް އެރުމާއި މިފަދަ ސަކަރާތެއްގަ އެވެ.

މިހެން އުޅުމުގެ ތެރެއިން އެންމެ ފުރަތަމަ ނާދިޔާއަށް ޖިންސީ ގޯނާކުރީ ރަށަށް އަރުވާލާފައި ހުރި މީހެކެވެ. އެކި ދުވަސް މަތިން މެޓާ އާއި ވަކި ލާރިދީގެން ނާދިޔާގެ ރުހުން އެމީހާ ހޯދިއެވެ. އެއަށްފަހު އެއްދުވަހަކު ގަދަކަމުން އޭނާ ނާދިޔާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރިއެވެ. ނަސީބު ރަނގަޅުކަމުން ބޮޑުވަރު ނުވަނީސް އެމީހާގެ އަތްދަށުން ނާދިޔާ ސަލާމަތްވި އެވެ. އެހެންނަމަވެސް އެ ނިމުނީއެއް ނޫނެވެ.

"ދެން ވީގޮތަކީ ޤުރުއާން ކިޔަވަން ދާންފެށީ ޖެހިގެން ހުންނަގޭ ދެބައި އުމުރުގެ ބޭބެއެއް ގާތަށް. މިހެންގޮސް ޤުރުއާން ކިޔަވަން އިންނަ ގަޑީގައި އެ ބޭބެ މޭޒުދަށުން ފަލަމަސްގަނޑުގައި ފައިކާއްތަން ފެށީ"

އޭރު ނާދިޔާއަށް 10 އަހަރެވެ. މަންމަ ގާތު އެވާހަކަ ދެއްކުމުން ގޯސްވީ ނާދިޔާ އެވެ. އެންމެ ފަހުން ނަތީޖާއަކަށްވީ ޤުރުއާން ކިޔަވަން ދިޔަސް އެކަމަށް ހުންނަ ޝައުޤުވެރިކަން ގެއްލުމެވެ.

"ހަތިމް ކުރެވުނީވެސް ވަޒީފާއަކަށް ދިޔަފަހުން. ފާޑަކަށް ފޫހިވީ އެހެންވެ"

އަދިވެސް ނާދިޔާގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. މާލެއަށް މަތީ ތައުލީމު ހާސިލުކުރުމަށް އައި ނާދިޔާގެ ދިރިއުޅުމުގެ ބާކީ ބައި ވޭތުކުރަމުންދަނީ އަދިވެސް މާލޭގައެވެ. ސްކޫލު ދައުރު ނިންމުމަށްފަހު ކުދިން ބަހައްޓާ ގެއެއްގައި ހުރެގެން ނާދިޔާ ވަޒީފާ އަދާކުރަން ފެށިއެވެ. އަދި އެދުވަސްވަރު ލޯބީގެ ގޮތުން މީހަކާއި ގުޅުނެވެ. ނަމަވެސް އަލަށްފެށި އެގުޅުން ނާދިޔާއަށް ވީ ހަބަރަށްވުރެ ހިތި އެއްޗަކަށެވެ.

"އޭރު ރައްޓެހިވެގެން އުޅުނު ކުއްޖާ އުޅެނީ އޭނަގެ ބޭބެއާ އެކީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން. ދުވަހަކުވެސް ނުދަން އެތަނަކަށް. އެކަމަކު އެއް ދުވަހު އޭނަ ގުޅާފަ ބުނެފި ބޭބެ ވަރަށް ބަލިވެގެން އެ ކޮޓަރިއަށް ގޮސްދީބަލާށޭ ބޭބެ ޑޮކްޓަރަށް ދައްކަން ގެންގޮސްދޭން. އޭނަ ހުރީ އެއާޕޯޓުގައި ޑިއުޓީގައި. ދެން ދިޔައިރު އޭނަގެ ބޭބެ ހުރީ ހަމަޔަކު ނޫން. ފުރަތަމަ ނޭނގެ. އެކަމަކު ފަހުން އެނގުނީމަ ސަލާމަތްވާން ވަރަށް މަސައްކަތް ކުރިން......"

ނާދިޔާއަށް ވާހަކަ ކުރިއަށް ގެންދެވުނީ އެވަރަށެވެ. އެ ދުވަހު ނާދިޔާގެ ލޯބިވެރިޔާގެ ބޭބެ، ނާދިޔާގެ އިއްފަތްތެރިކަން ނަގާލިއެވެ. އެތައް އަނިޔާއެއް ކުރިއެވެ. ޕީރިއަޑުވެފައި ހުއްޓައި އެތައް ފަހަރެއްގެ މަތިން ރޭޕްކުރި އެވެ. އަނގަމަތީގައި ފޮތިގަނޑެއް އައްސާ ދެއަތް ބަނދެފަ އެވެ.

އެވާހަކަތައް ނާދިޔާ އެންމެ ފުރަތަމަ ހިއްސާކުރީ އޭނާގެ ލޯބިވެރިޔާ އަށެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދެއް ނުދިން ތަނުގައި "ތިއީ ނާސި އަންހެނެކޭ" ބުނެ ނާދިޔާ އިތުރަށް ފަލީހަތް ކުރިއެވެ. އޭގެ ފަހުން މިއަދާއި ހަމަޔަށް ނާދިޔާގެ އެ ހުރިހާ އުދާހެއް ރައްކާކޮށްފައި ހުރި ތަނަކީ އޭނަގެ ހިތެވެ.

އެދުވަހަށްފަހު ކޮޓަރިން ބޭރަށް ނުނިކުމެ އެތައް ދުވަހެއް ނާދިޔާ ހޭދަކުރިއެވެ. މިއަދުވެސް ނާދިޔާ ހުރީ އެ ބިރުވެރިކަމާއި ހަމަހިމޭންކަމުގެ ތެރޭގައެވެ. "ރޭޕް"ގެ ނަން އަޑުއިވޭ ކޮންމެ ފަހަރަކު ނާދިޔާގެ ހަށިގަނޑުގައިވާ އެ ލަކުނުތަކުގައި ރިއްސައެވެ.

"ވަރަށް މަސައްކަތް ކުރަން. އެކަމަކުވެސް އަދިވެސް ވަރަށް ބިރުގަނޭ" ވާހަކަ ނިންމާލަމުން އެންމެ ފަހަށް ނާދިޔާ ބުނީ މިހެންނެވެ.


ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ