އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 21/04/2020

ކޮވިޑް-19: ގެއަށް ގަންނަ މޭވާ އަދި ތަރުކާރީ ސައިބޯނި ލައިގެން ދޮންނަން ޖެހޭތަ؟

މޭވާ އަދި ތަރުކާރީ ސައިބޯނި ލައިގެން ދޮވުމަކީ އާއްމުންގެ ތެރެއިން ބައެއް މީހުން ކުރަމުން އަންނަ ކަމެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 21/04/2020

Coronavirus COVID-19 Food Hygiene
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިރާއްޖެއިން މިހާތަނަށް 83 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިހާލަތާއި ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް ތަކުގައާއި އެހެނިހެން މީޑިއާ ޕްލެޓްފޯމް ތަކުގައި ޑޮކްޓަރުން ވަނީ ގެއަށް ވައްދާ ތަކެއްޗަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

އެގޮތުން ޑެލިވަރީ ކުރާއިރު އޮންލައިންކޮށް ލާރި ދެއްކުމާއި، ޕެކް ކުރަން ބޭނުންކުރާ ކޮތަޅު ފަދަ ތަކެތި އަވަހަށް އުކާލުމަށްފަހު ސައިބޯނި ލައިގެން އަތް ދޮވުމަށް މިބޭފުޅުން ވިދާޅުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިކަމާ ގުޅިގެން ދީފައިވާ އިތުރު އިރުޝާދު ތަކުގެ ތެރޭގައި ޑެލިވެރީގެ ގޮތުގައި ގެންނަ ތަކެތި ބަހައްޓަން ވަކި ތަންކޮޅެއް ހެދުން ހިމެނެއެވެ. އެއީ ޑެލިވެރީ ކުރާ މީހާއާއި ގައިދުރު ކުރުމުގެ ގޮތުންނެވެ.

މޭވާ އަދި ތަރުކާރީ ސައިބޯނި ލައިގެން ދޮވުމަކީ ރަނގަޅުކަމެއް ނޫން- އެފްޑީއޭ

ނަމަވެސް ބައެއް މީހުންގެ ސުވާލަކަށް ވެފައިވަނީ ގެއަށް ގެންނަ މޭވާ އަދި ތަރުކާރީ އާއި މެދު އަމަލު ކުރަންވީ ކިހިނަކުންތޯއެވެ. މިތަކެތި ސައިބޯނި ލައިގެން ދޮވުމަކީ އާއްމުންގެ ތެރެއިން ބައެއް މީހުން ކުރަމުން އަންނަ ކަމެކެވެ.

ކޮވިޑް-19 ވައިރަސް ކާއެއްޗެހީގެ ސަބަބުން ފެތުރޭކަމަށް މިހާތަނަށް އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. މިވައިރަސް ފެތުރެނީ ބަލީމީހެއްގެ ޒަރިއްޔާއިންނެވެ. އެމީހަކު ކެއްސުމުން ނުވަތަ ކިނބިހި އެޅުމުން ވައިގެ ތެރެއިން ފެތުރޭ ތިކިތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު، އަތް ނުދޮވެ ލޯ، ނޭފަތް ނުވަތަ އަނގައިގައި އަތް ލެވުމުންވެސް މިބަލި ޖެހިދާނެއެވެ. 

އަދި މިވައިރަސް ކާއެއްޗެހީގައި ހުރިނަމަވެސް، އެއެއްޗެހި ދިރުވާލުމަށްފަހު ބަލިޖެހިދާނެކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. ސަބަބަކީ ބަލި ފެތުރެނީ އިންސާނާގެ ނޭވާލާ ނިޒާމުން ކަމަށްވާތީއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބުނެފައިވަނީ މޭވާ އަދި ތަރުކާރީ ސައިބޯނި ލައިގެން ދޮވުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ސިއްހީ މާހިރުން ވިދާޅުވަނީ ސައިބޯނި ލައިގެން ކާއެއްޗެހި ދޮވުމުގެ ސަބަބުން އިތުރު މައްސަލަތަކާވެސް ކުރިމަތިލާން ޖެހިދާނެ ކަމެވެ. އެގޮތުން ހޮޑު ލެވުން، ޑައެރިޔާ އަދި ބަނޑުގައި ރިއްސުމަކީ ވުން އެކަށީގެންވާ ކަންކަމެވެ. މިހެން މިދިމާވަނީ މޭވާ އަދި ތަރުކާރީގެ ތެރެއަށް ސައިބޯނި ވަނުމުންނެވެ. 

ހަމައެއާއެކު ސައިބޯނި ބޭނުންކޮށްގެން މޭވާ އަދި ތަރުކާރީ ދޮވުމުން ކޮރޯނާވައިރަސް މަރުވާކަމަކަށް މިހާތަނަށް އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.

އެހެންނަމަވެސް މީގެ މާނައަކީ ކާއެއްޗެހި ދޮވުން ހުއްޓާލުމެއް ނޫނެވެ. ގެއަށް ގެންނަ ކާއެއްޗެހީގައި ބެކްޓީރިއާ އަދި އެހެނިހެން ޖަރާސީމު ހުރުން އެކަށީގެންވެއެވެ. އެހެންކަމުން ކެއުމުގެ ކުރިން ރަނގަޅަށް ފެނުން ދޮންނަން ސިއްހީ މާހިރުން ލަފާ ދެއެވެ.

މިދުވަސްވަރު ބޭރަށްދާނަމަ މާސްކް އެޅުން މުހިންމު- ޑރ. އަލީ ލަތީފް

ގެއަށް ބޭނުންވާ ސާމާނު ގަންނަން ފިހާރައަކަށް ދާނަމަ އެހެން މީހުންނާއި މަދުވެގެން 3 ފޫޓު ދުރުގައި ހުރުމަށް އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ. އަދި ގެއަށް އައުމަށްފަހި ސައިބޯނި ލައިގެން އަތްދޮވުމަށްވެސް ޑރ. އއަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

ހޯމަ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ޑރ. އަލީ ލަތީފް ވަނީ ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި މާބަނޑު އަންހެނުން މިގޮތަށް ގެއިން ބޭރަށް ނުދިޔުމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ